މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓައި މަގުތަކުގެ ތަރުތީބު ހިފަހައްޓައި އާއްމު ރައްޔިތުންނަށް ފަސޭހަވާނެ އިންތިޒާމެއްގެ މަތިން ކަންކަން ފުރިހަމަ ކުރުމަށް ފުލުހުންނާއި ހައުސިން މިނިސްޓްރީން މަޝްވަރާ ކޮށްފި އެވެ.

ފުލުހުން ބުނީ، އެ ބައްދަލުވުމުގައި ގިނަ ކަންތައްތަކެއް މަޝްވަރާ ކުރެވިގެން ދިޔަ ކަމަށެވެ. އެގޮތުން ކުރީގެ އަރަބިއްޔާ ހުރި ބިމާއި ގާކޮށީ ބިމުގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން، އެތަންތަނުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ކުރެވެން ހުރި ކަންތައްތަކާއި އަދި އެސަރަހައްދުތަކުގެ ޓްރެފިކް ފްލޯ ހަމަޖައްސާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވާނޭ ކަމަށް ފުލުހުން ބުނެ އެވެ.

ހަމައެއާއެކު، މާލޭގައި އަލަށް ހެދުމަށް މަސައްކަތް ކުރާ އިންޑަސްޓްރިއަލް ޒޯންގެ މަސައްކަތްތައް ނިމި އެތަން ބޭނުން ކުރަންވާއިރަށް އެ ތަނުގެ ސަލާމަތާ ރައްކާތެރިކަން ދަމަހައްޓާނެ ގޮތްތަކާ ގުޅޭގޮތުންވެސް އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އަދި އެ ސަރަހައްދަށް ވަދެ ނުކުތުމުގައިވެސް ސަލާމަތީ ގޮތުން ބަލަން ޖެހޭނެ ކަންކަން ހުރުމާއެކު އެކަންކަމަށް ދުރާލައި ތައްޔާރުވުމަށް އެ ދެ މުއައްސަސާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، މާލޭގެ އެކި ހިސާބުތަކުގައި ރަޖިސްޓްރީ ނުކޮށް ގަވާއިދާ ހިލާފަށް ހިންގާ ވެހިކަލް ގަރާޖު ފަދަ ތަންތަނާއި ގުދަން އަދި ވޯކްޝޮޕް ފަދަ ތަންތަން ބޭނުން ކޮށްގެން ވައްކަމާއި ގުޅުން ހުރި ބައެއް ކަންކަން ކުރަމުން ދާތީ އެކަންކަން ހުއްޓުވުމާ ގުޅޭގޮތުންވެސް މަޝްވަރާ ކޮށްފައި ވާނޭ ކަމަށެވެ.

އަދި މާލޭގައި ހުރި އެފަދަ ތަންތަނުގެ މައުލޫމާތު ސާފު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރަމުން އަންނަ ކަމަށާއި އެ މައުލޫމާތު ސާފުކޮށް ނިމުމާއެކު ދެ މުއައްސަސާ ގުޅިގެން ފިޔަވަޅު އެޅުމަށްވެސް އެ މަޝްވަރާ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ހަމައެއާއެކު، ރަސްފަންނު ސަރަހައްދާއި ބުރިޖުގެ މަސައްކަތް ހިނގާ ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކޮށް އެތަންތަނުގެ ސަލާމަތީ ކަންކަން މިހާރަށްވުރެ ބޮޑަށް ބެލެހެއްޓޭނެ ގޮތްތަކާ ގުޅޭގޮތުންވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ސަރަހައްދަކީ ގިނަ ބަޔަކު މަސައްކަތް ކުރާ ސަރަހައްދަކަށް ވެފައި އަގުބޮޑު މުދާވެސް ސަރަހައްދުގައި ހުރުމާއެކު އެ ސަރަހައްދު ބެލެހެއްޓޭނެ އިންތިޒާމު ވީ އެންމެ އަވަހަކަށް ހަމަޖައްސަންވެސް އެ ބައްދަލުވުމުގައި ނިންމާފައިވާނޭ ކަމަށް ފުލުހުން ބުނެ އެވެ.

ހަމައެހެންމެ، މާލެ ތެރެ މިހާރަށް ވުރެ އަލިކޮށް، މަގުމަތީގައި ހުރި ލައިޓުތައް ބަދަލު ކުރުމަށް ކުރަން ޖެހޭ ކަންކަމާ ބެހޭގޮތުން ދެ މުއައްސަސާގެ މެދުގައި މަޝްވަރާ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެ ބައްދަލުވުމުގައި ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑަރުގެ އިތުރުން ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސް އާއި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޑައިރެކްޓްރޭޓާއި މާލޭ ސިޓީގެ ވެރިންނާއި ހައުސިން މިނިސްޓްރީގެ ބައެއް ޑެޕިއުޓީ މިނިސްޓަރުންނާއި އެހެނިހެން ވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.