ރާއްޖޭގެ މޫސުން ލަފާ ކުރުމާއި، މޫސުމާއި ގުޅުންހުރި ކަންކަން ތަރައްގީ ކުރުމުގެ މަސައްކަތަށް ގާނޫނީ ހައިސިއްޔަތު ގެނައުމަށްޓަކައި، މިހާރު ޑްރާފްޓް ކުރެވެމުންދާ ރާއްޖޭގެ މޫސުމާ ބެހޭ ގާނޫނު (މީޓިއޮރޮލޮޖީ އެކްޓް) އަށް އެކި ފަރާތްތަކުގެ ޚިޔާލާއި ލަފާ ހޯދުމަށް މަޝްވަރާ ބައްދަލުވުމެއް ފަށައިފި އެވެ.

ކަސްޓަމްސް ބިލްޑިންގގައި މިއަދު ފެށި މި ވޯކްޝޮޕުގައި، ރާއްޖޭގެ މޫސުމާ ގުޅުންހުރި ތަފާތު ދާއިރާތަކަކުން 35 ފަރާތެއް ބައިވެރިވެ އެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ސިވިލް އޭވިއޭޝަން ދާއިރާ، ފުލުހުންނާއި ސިފައިން، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު، އަދި ދަނޑުވެރިކަމުގެ ދާއިރާ ފަދަ ސެކްޓަރުތަކުން ބޭފުޅުން މި ބައްދަލުވުމުގައި ބައިވެރިވެ އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ކްލައިމެޓޮލޮޖީ ޑރ ޒާހިދު އަބްދުލްހަމީދު -- ސަން ފޮޓޯ/ފަޔާޒު މޫސާ

މީޑިއާއަށް މައުލޫމާތު ދެއްވަމުން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ކްލައިމެޓޮލޮޖީ ޑރ. ޒާހިދު އަބްދުލްހަމީދު ވިދާޅުވީ، ރާއްޖޭގެ މޫސުމާ ބެހޭ ގާނޫނު ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ދެ ފަރާތެއްގެ ލަފާ ހޯދައިގެން ކަމަށާއި، އޭގެ ތެރޭގައި ބޭރުގެ ފަރާތެއް ހިމެނޭ ކަމަށެވެ.

ޑރ. ޒާހިދު ވިދާޅުވީ، ކޮންސަލްޓަންސީ ހޯދުމަށް 60 ދުވަސް ދީފައިވާ އިރު، މިހާރު މިއީ އެ މަސައްކަތުގެ އެންމެ ފަހު މަރުހަލާ ކަމަށެވެ. އަދި މިއަދު ފަށައިގެން ކުރިޔަށް ދަނީ މި ގާނޫނު އެކުލަވައިލުމާ ގުޅޭ އެންމެ ފަހު ބައްދަލުވުން ކަމަށް އޭނާ ވިދާޅުވި އެވެ.