04 May 2016, 10:02
ވޮޝިންޓަން (މޭ 4): އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ރޭހުން ޓެކްސަސްގެ ސެނެޓާ، ޓެޑް ކްރޫޒް ވަކިވެވަޑައިގެންފި އެވެ.
ރިޔާސީ ރޭހުން ވަކިވެޑައިގަންނަވާކަން ކްރޫޒް އިއުލާން ކުރެއްވީ އިއްޔެ އިންޑިއާނާގައި އޮތް ޕްރައިމަރީން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހުނު ފަހުންނެވެ. އިންޑިއާނާގައި އޮތް ޕްރައިމަރީ ކާމިޔާބު ކުރެއްވީ ބިލިއަނަރު، ޑޮނަލްޑް ޓްރަމްޕް އެވެ.
"އަޅުގަނޑުމެން އިންޑިއާނާގެ ކެމްޕެއިންގައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރިން ނަމަވެސް ވޯޓު ދިން ފަރާތްތަކުން ހިޔާރު ކުރީ އެހެން ގޮތެއް،" ޕްރައިމަރީން ވަކިވެވަޑައިގަންނަވާކަން އިއުލާން ކުރައްވަމުން ކްރޫޒް ވިދާޅުވި އެވެ.
ކްރޫޒްގެ ނިންމުން އިއުލާން ކުރެއްވުމާ އެކު އޭނާ އަށް މީގެ ކުރިން ފާޑު ވިދާޅުވެފައިވާ ޓްރަމްޕް ވަނީ ކްރޫޒްގެ ކެމްޕެއިނަށް ތައުރީފު ކުރައްވާ އޭނާ އަށް "އަލިގަދަ ކުރިމަގެއް އޮތް" ކަމަށް ވިދާޅުވެފަ އެވެ.
ރިޕަބްލިކަން ޕާޓީގެ އިތުރުން ޑިމޮކްރަޓިކް ޕާޓީން ވެސް ވަނީ އިއްޔެ އިންޑިއާނާގައި ޕްރައިމަރީ ބާއްވާފަ އެވެ. ޑިމޮކްރަޓިކް ޕްރައިމަރީގައި އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް، ހިލަރީ ކްލިންޓަންގެ މައްޗަށް ކުރި ހޯއްދެވީ ވާމަންޓްގެ ސެންޓަރު ބާނީ ސޭންޑާސް އެވެ.
ސޭންޑާސްގެ އެކާމިޔާބީއާ އެކު އޭނާ އަށް ތާއިދު ކުރާ ޑެލިގޭޓުންގެ އަދަދު ވަނީ 1،400ށް އަރާފަ އެވެ. ނަމަވެސް، ޑެލިގޭޓުން އަދަދުން ކުރީގައި އުޅުއްވަނީ ހިލަރީ ކްލިންޓަން އެވެ. ހިލަރީއަށް ތާއިދު ކުރާ ޑެލިގޭޓުންގެ އަދަދު 2،202ށް އަރަ އެވެ. ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް ވާން ބޭނުންވާ ބޭފުޅަކަށް 2،383 ޑެލިގޭޓުން ބޭނުންވެ އެވެ. (ބީބީސީ)