04 May 2016, 10:31
ބޮލީވުޑްގެ މެގާ ސްޓާ އަމީތާބު ބައްޗަން އާއި މަޝްހޫރު ތަރި ކަންގަނާ ރަނައުތު އަށް އިންޑިއާގެ ގައުމީ ފިލްމު އެވޯޑު ލިބިއްޖެ އެވެ.
އަމީތާބަށް ގައުމީ އެވޯޑު ލިބިފައިވަނީ ފިލްމު "ޕީކޫ" ގައި އޭނާ އަދާ ކުރި ރޯލަށެވެ. ކަންގަނާ އަށް އެ އެވޯޑު ލިބިފައިވަނީ "ތަނޫ ވެޑްސް މަނޫ ރިޓާނަސް" ގައި އޭނާ އަދާކޮށްފައިވާ ރޯލަށެވެ.
އެއީ އަމީތާބަށް ގައުމީ އެވޯޑު ލިބުނު ހަތަރު ވަނަ ފަހަރެވެ. އަމީތާބަށް އެންމެ ފުރަތަމަ ގައުމީ އެވޯޑު ލިބިފައިވަނީ 1990 ވަނަ އަހަރު ރިލީޒު ކުރި ފިލްމު "އަގްނީޕަތު"ގައި އޭނާ އަދާކޮށްފައިވާ ރޯލަށެވެ. ހަމައެއާއެކު، 2005 ވަނަ އަހަރުގެ ފިލްމު "ބްލެކު" އާއި 2009 ވަނަ އަހަރު ރިލީޒު ކުރި ފިލްމު "ޕާ" ގައި އޭނާ އަދާކޮށްފައިވާ ރޯލަށްވެސް ގައުމީ އެވޯޑު ލިބިފައި ވެއެވެ.
ހަމައެއާއެކު، އެއީ ކަންގަނާ އަށް ގައުމީ ފިލްމު އެވޯޑު ލިބުނު ތިން ވަނަ ފަހަރެވެ. މީގެ ކުރިން ކަންގަނާ ކުޅުނު ފިލްމު "ކުއީން" ގައި އޭނާ އަދާކޮށްފައިވާ ރޯލަށާއި 2008 ވަނަ އަހަރުގެ ފިލްމު "ފެޝަން" ގައި އޭނާ އަދާކޮށްފައިވާ ރޯލަށްވެސް ކަންގަނާ އަށް ވަނީ ގައުމީ އެވޯޑު ލިބިފައިވެ އެވެ.
އިއްޔެ ބޭއްވި އިންޑިއާގެ 63 ވަނަ ގައުމީ ފިލްމު އެވޯޑު ހަފުލާ އަށް އަމީތާބުގެ އަންހެނުން ޖާޔާ ބައްޗަން އާއި ދަރިފުޅު އަބީޝޭކު ބައްޗަންގެ އިތުރުން ދަނބި ދަރި އައިޝްވަރިޔާ ބައްޗަން އާއި ކާފަ ދަރިފުޅު ބައިވެރި ވެފައި ވެއެވެ.
ހަމައެއާއެކު، އެ ހަފުލާގައި ކަންގަނާ އާއެކު އޭނާގެ އާއިލާވެސް ބައިވެރި ވިއެވެ.
މައުލޫމާތު: އިންޑިއަން އެކްސްޕްރެސް