ޏ. ފުވައްމުލަކުގައި ކުޑަ އަންހެން ކުއްޖަކު ބަނދެގެން އެކި ފަހަރު މަތިން ޖިންސީ ގުޅުން ހިންގަމުން ދިޔަ ކަމުގެ ތުހުމަތުގައި ފިރިހެނަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އުމުރުން ހަ އަހަރުގެ އެ އަންހެން ކުއްޖާ އާ 41 އަހަރުގެ ފިރިހެން މީހާ ގަދަކަމުން އެކި ފަހަރު މަތިން ބެހި އެ ކުއްޖާ އަށް ޖިންސީ ހާނިއްކަތަކެއް ވަނީ ކޮށްފަ އެވެ. އަދި އެ ކުއްޖާ އާ ގިނައިން ބެހިފައިވަނީ އެ ކުޑަ ކުއްޖާ ދިރިއުޅޭ ގޭގެ ބިއްދޮށު ފަރާތަށް ގެންގޮސް ގަހެއްގައި ބަނދެފައި ބެހެއްޓުމަށް ފަހު ކަމަށް އެނގިފައިވެ އެވެ.

އާއިލީ ގޮތުން ކުޑަ ކުއްޖާ އާ އެއްވެސް ގުޅުމެއް ނެތް އެމީހާ އަކީ އެގެއަށް ގޮސް އުޅޭ އަވަށްޓެރިއެއް ކަމަށް ވެސް އެނގިފައިވެ އެވެ. އަދި އެންމެ ފަހުން އެ ކުއްޖާ އާ ބެހިފައި ވަނީ އިއްޔެ އެވެ. އެ ކުއްޖާ އަށް ޖިންސީ ގޯނާ ކޮށްފައި ހުރިކަން އެނގުނީ ހޮސްޕިޓަލަށް ގެންގޮސް ދެއްކުމުން ކަން ވެސް ސަން އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އާ ގުޅިގެން 41 އަހަރުގެ ފިރިހެނަކު ހައްޔަރު ކުރަން އުޅުމުން އޭނާގެ ތިން ފިރިހެން ދަރިން އެކަމަށް ހުރަސް އެޅި ކަމަށެވެ. އަދި އޭގެ ތެރެއިން 18 އަހަރު ފުރިފައިވާ ދެ ކުދިންނަކީ ވެސް ތަފާތު ރެކޯޑްތައް އޮތް ބައެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން އެއް ކުއްޖަކީ ފުވައްމުލަކުގައި ދެމަފިރިއަކު ސައިކަލެއްގައި ދަނިކޮށް އަންހެން މީހާ ހިފަހައްޓައި ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ވެސް ކުރި ކުއްޖެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.