މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖަރުމަން ޗެމްޕިއަން ބަޔާން މިއުނިކް ކަޓުވާލުމަށްފަހު، ފައިނަލުގެ ފުރަތަމަ ޖާގަ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން ހޯދައިފި އެވެ.

ބަޔާންގެ އަމިއްލަ ދަނޑު، އާލިއާންޒް އެރީނާގައި ރޭ ކުޅުނު ސެމީގެ ދެވަނަ ލެގު މެޗުގައި އެތުލެޓިކޯގެ މައްޗަށް ބަޔާންއިން 2-1 ލަނޑުން ކުރި ހޯދި ނަމަވެސް، އެތުލެޓިކޯއަށް ފައިނަލުގެ ޖާގައެއް ލިބުނީ އަވޭ ގޯލުންނެވެ. އަވޭ ގޯލަށް ބަލާފައިވަނީ 2-2 ލަނޑުގެ އެގްރިގޭޓަކުން ދެ ޓީމު އެއްވަރުވުމުންނެވެ. އެތުލެޓިކޯގެ ދަނޑުގައި ކުރިން ކުޅުނު ސެމީގެ ފުރަތަމަ ލެގު މެޗުން އެތުލެޓިކޯ މޮޅުވެފައިވަނީ 1-0 ލަނޑުންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ބަޔާން އާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބަޔާން މޮޅުވި ނަމަވެސް، ފައިނަލަށް އެތުލެޓިކޯ ދަތުރުކުރީ ރޭގެ މެޗުގައި ބަޔާން ކޮޅަށް ޖެހި އަވޭ ގޯލުން --- ފޮޓޯ: އޭޕީ

މެޗުގެ 14 ވަނަ މިނެޓުގައި އެތުލެޓިކޯއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަން ދިން ބޯޅައަކުން ބަޔާންގެ ޕެނަލްޓީ އޭރިޔާ ބޭރުން އެ ޓީމުގެ ކެޕްޓަން ގަބީ އުފެއްދި ހަމަލާ، ބަޔާންގެ ކީޕަރު މެނުއެލް ނޯޔާ ވަނީ ފަސޭހަކަމާއެކު ހޯދައިފަ އެވެ.

މެޗުގެ 17 ވަނަ މިނެޓުގައި ބަޔާންގެ ޗިލީ މިޑްފީލްޑަރު އާޓުރޯ ވިޑާލްއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އެތުލެޓިކޯގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި، ވިޑާލް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ އެތުލެޓިކޯގެ ގޯލްކީޕަރު ޖެން އޮބްލަކްއާ ދިމާލަށެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ބަޔާންއަށް ލަނޑުޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. އެތުލެޓިކޯގެ ޕެނަލްޓީ އޭރިޔާ ތެރެއިން ތޯމަސް މުލާ ދިން ބޯޅައަކުން ރޮބާޓް ލެވަންޑޯސްކީ އުފެއްދި ހަމަލާ، އެތުލެޓިކޯގެ ގޯލްކީޕަރު އޮބްލަކް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ބަޔާން އާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބަޔާން މޮޅުވި ނަމަވެސް، ފައިނަލަށް އެތުލެޓިކޯ ދަތުރުކުރީ ރޭގެ މެޗުގައި ބަޔާން ކޮޅަށް ޖެހި އަވޭ ގޯލުން --- ފޮޓޯ: އޭޕީ

އޭގެ ތިން މިނެޓްފަހުން އަނެއްކާވެސް ބަޔާންގެ ހަމަލާއެއް ފެނިގެންދިޔަ އެވެ. އެތުލެޓިކޯގެ ޕެނަލްޓީ އޭރިޔާ ބޭރުން އުފެއްދި ހަމަލާ، ކީޕަރު އޮބްލަކް މަތަކުރުމާއެކު ލިބުނު ރީބާއުންސް ބޯޅައިން ލެވަންޑޯސްކީއަށް ނުރައްކާ ކުރެވިފައެއް ނުވެ އެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ބަޔާންއިން ވަނީ ލަނޑެއްޖަހައި ލީޑު ފުޅާކޮށްފަ އެވެ. އެ ހިލޭޖެހުން ބަޔާންއަށް ކާމިޔާބުކޮށްދިނީ ސްޕެއިން މިޑްފީލްޑަރު ޒަބީ އަލޮންސޯ އެވެ. އޭނާ ފޮނުވާލި ހަމަލާ، އެތުލެޓިކޯގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ ވޯލުގައި އެތުރިގެން ތިބި ކުޅުންތެރިންގެ ތެރެއިންނެވެ.

މެޗުގެ 33 ވަނަ މިނެޓުގައި އެތުލެޓިކޯގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހަވީ މާޓީނޭޒްއަށް އުރުގުއޭ ޑިފެންޑަރު ހޯސޭ ޖިމެނޭޒް ކުރި ފައުލަކާ ގުޅިގެން ބަޔާންއަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ތޯމަސް މުލާ ފޮނުވާލި ޕެނަލްޓީ، އެތުލެޓިކޯގެ ގޯލްކީޕަރު އޮބްލަކް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ބަޔާން ކުރީގައި އޮވެގެންނެވެ.

ބަޔާންއަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދިނުމަށްފަހު، ލެވަންޑޯސްކީ (ކ) އުފާފާޅުކުރަނީ: އެތުލެޓިކޯ ފައިނަލަށް ދަތުރުކުރީ ރޭގެ މެޗުގައި ބަޔާން ކޮޅަށް ޖެހި އަވޭ ގޯލުން --- ފޮޓޯ: އޭޕީ

މެޗުގެ 53 ވަނަ މިނެޓުގައި އެތުލެޓިކޯއިން ވަނީ ލަނޑެއްޖަހައި، ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެތުލެޓިކޯގެ ސްޕެއިން ފޯވަޑް ފެނާންޑޯ ޓޮރޭސް ދިން ރީތި ބޯޅައަކުން އެތުލެޓިކޯއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ގްރީޒްމަން އެވެ. ބަޔާންގެ ގޯލުގެ ތެރެއަށް އޭނާ ބޯޅަ ފޮނުވާލި އިރު، ބަޔާންގެ އެއްވެސް ކުޅުންތެރިއެއްގެ އުނދަގުލަކާ ކުރިމަތިވެފައެއް ނުވެ އެވެ.

މެޗުގެ 69 ވަނަ މިނެޓުގައި ބަޔާންއަށް އަލުން ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ވިޑާލް ދިން ބޯޅައަކުން އެތުލެޓިކޯގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލެވަންޑޯސްކީ އުފެއްދި ހަމަލާ، ގޯލްކީޕަރު އޮބްލަކް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.

މެޗުގެ 74 ވަނަ މިނެޓުގައި ބަޔާންއިން ވަނީ ދެވަނަ ފަހަރަށް ލީޑު ހޯދައިފަ އެވެ. ޑޭވިޑް އަލަބާ ނަގައިދިން ހުރަހަކުން ވިޑާލް ބޮލުން ޖައްސާލި ބޯޅައަކުން ބަޔާންއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޕޮލެންޑް ފޯވަޑް ލެވަންޑޯސްކީ އެވެ. އޭނާ ވަނީ އެތުލެޓިކޯގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ ބޮލުން ޖަހައި، ފަސޭހަކަމާއެކު އެތުލެޓިކޯގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ބަޔާން އާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބަޔާން މޮޅުވި ނަމަވެސް، ފައިނަލަށް އެތުލެޓިކޯ ދަތުރުކުރީ ރޭގެ މެޗުގައި ބަޔާން ކޮޅަށް ޖެހި އަވޭ ގޯލުން --- ފޮޓޯ: އޭޕީ

މެޗުގެ 83 ވަނަ މިނެޓުގައި އެތުލެޓިކޯއަށް ވެސް ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. ބަޔާންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޓޮރޭސްއަށް މާޓިނޭޒް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއިން ޓޮރޭސް ފޮނުވާލި ބޯޅަ، ގޯލްކީޕަރު ނޯޔާ ވަނީ މަތަކޮށްފަ އެވެ. ޓީވީ ރީޕްލޭތަކުން ދައްކާ ގޮތުގައި، ޓޮރޭސްއަށް މާޓިނޭސް ފައުލްކޮށްފައިވަނީ ބަޔާންގެ ޕެނަލްޓީ އޭރިޔާ ބޭރުންނެވެ.

މެޗުގެ 87 ވަނަ މިނެޓުގައި އަލަބާގެ ރަނގަޅު ހަމަލާއެއް ފެނިގެންދިޔަ އެވެ. ބަޔާންއަށް ލިބުނު ކޯނަރަކުން އަލޮންސޯ ނެގި ހުރަހަކުން ލިބުނު ބޯޅައިން އެތުލެޓިކޯގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި، އަލަބާ އުފެއްދި ހަމަލާގެ ހުރަހަކަށްވީ ގޯލްކީޕަރު އޮބްލަކް އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެތުލެޓިކޯ ނުކުންނަންޖެހޭ ޓީމެއް ކަށަވަރުވާނީ ސްޕެއިންގެ ރެއާލް މެޑްރިޑާއި އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީ ބައްދަލުކުރާ ސެމީގެ ދެވަނަ ލެގު މެޗަށްފަހު އެވެ. ސިޓީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު މެޗުން މި ދެޓީމު ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ރެއާލްގެ ދަނޑުގައި ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 11:45 ގައެވެ.