ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުން ތިން ޕޮއިންޓް ހޯދަން ތައްޔާރު ކަމަށް ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓުވި ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު އާތިފް (އާތި) ބުނެފި އެވެ.

ލީގުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓާ ދެކޮޅަށް ޔުނައިޓެޑް ވިކްޓަރީ ނުކުންނަ އިރު، ލީގުގައި ޔުނައިޓެޑް ވިކްޓަރީ ކުޅުނު ފުރަތަމަ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން 5-2 ލަނޑުން ވަނީ މޮޅުވެފަ އެވެ. ލީގުގައި ނިއު ރޭޑިއަންޓް ކުޅުނު ފުރަތަމަ މެޗުގައި މާޒިޔާ އަތުން 3-2 ލަނޑުން ވަނީ ބަލިވެފަ އެވެ.

މިރޭ ކުޅޭ މެޗުގެ ކުރިން ގައުމީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އާތި ބުނީ، ނިއު ރޭޑިއަންޓް އަތުން ޔުނައިޓެޑް ވިކްޓަރީއަށް މޮޅުވެވިދާނެ ކަމަށް ގަބޫލުކުރާ ކަމަށާއި ނިއު ރޭޑިއަންޓް ބަލިކުރެވޭނެ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"ނިއު ރޭޑިއަންޓްގެ ވެސް އެބަހުރި ވީކް ޕޮއިންޓްތަކެއް. އަނެއް ޓީމު ބަލިކޮށްލެވޭ ފަދަ ފައިދާތަކެއް ވެސް އެބަހުރި. އެހެންވީމަ ކޯޗެއްގެ ގޮތުގައި މި ދެ ކަންތައްވެސް ބަލައި، ދިރާސާކޮށް ޓީމު ތައްޔާރު މިވަނީ އެކަންކަމުގެ ތެރެއިން ފައިދާއެއް ނެގޭތޯ. އެހެންވީމަ މީގެން ފައިދާތަކެއް ނެގިވެސް ދާނެ. ނިއު އިން ވެސް ފައިދާތަކެއް ނަގާފާނެ. މެޗު ނިމުނީމަ ނަތީޖާ އެނގޭނީ. މެނޭޖްމަންޓާއި، ކުޅުންތެރިންނާއި، ޔުނައިޓެޑް ވިކްޓަރީ އޮތީ ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެ ތިން ޕޮއިންޓް ނަގަން ތައްޔާރަށް،" އޭނާ ބުންޏެވެ.

އާތި ބުނީ، ޔުނައިޓެޑް ވިކްޓަރީގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ޓީމުތައް އޮތް ލެވެލްއާ ހުރިހާ އެއްޗެއް ބަލައި، އެނަލައިޒް ކުރި ކަމަށާއި ހަވާލުވީ ވެސް ވަރަށް ވާދަވެރި އަދި ވަރަށް އުނދަގޫ ކަމެއް ކަމަށް ބަލައިގެން ކަަމަށެވެ.

"ކުޅުންތެރިންގެ ހިތްވަރާ އެއްޗެއްސަށް ބަލާފައި، ހީވަނީ ރަނގަޅު ކުޅުމެއް ފެނިގެންދާނެ ކަމަށް. މިހެން ބުނާއިރު ވެސް ނިއު ރޭޑިއަންޓަކީ އެންމެ ފަހުގެ ޗެމްޕިއަން. އަދި އޭއެފްސީ ކަޕުގައި ވެސް ވަރުގަދަ ހަތް މެޗު ކުޅެފައިވާ ޓީމެއް. ތަޖުރިބާއަކީ އެހާ ފަސޭހަ ކަމެއް ނޫން ބަލިކޮށްލާކަށް. އެހެންނަމަވެސް ސަޕޯޓަރުންނަށާއި ޓީމުތަކުގެ ހުރިހާ ކުޅުންތެރިންނަށް ދޭން ބޭނުންވާ ޔަގީން ކަމަކީ ޔުނައިޓެޑް ވިކްޓަރީ ފޯރިގަދަ، ވާދަވެރި ފެންވަރެއްގައި ކުޅޭނެކަން. ދެން މޮޅުވުމަކީ މުޅިން ތަފާތު ކަމެއް،" އޭނާ ބުންޏެވެ.

ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓާ ދެކޮޅަށް ޔުނައިޓެޑް ވިކްޓަރީ ނުކުންނާނީ މިރޭ 9:00 ގައެވެ.