04 May 2016, 09:48
ނޫސްވެރިކަމުގެ ދާއިރާ އަށް ގިނަ ދުވަހު ހިދުމަތްކޮށް، ދާއިރާގެ ތަރައްގީ އަށް ހިދުމަތްކޮށްފައިވާ ފަރާތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ ގައުމީ ޝަރަފު، ދިވެހި ކުޅިވަރުގެ އެންމެ އުސް ތަނބުކަމުގައިވާ މ. ފެންފިޔާޒުގޭ މުހައްމަދު ޒާހިރު ނަސީރަށް އަރުވައިފި އެވެ.
ބައި ގަރުނަށް ވުރެ ގިނަ ދުވަހު ނޫސްވެރިކަމަށް ހިދުމަތްކޮށްދެއްވާފައިވާ ޒާހިރު ނަސީރަށް އެ ޝަރަފު އަރުވާފައި ވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން މީޑިއާ ކައުންސިލުން ދޭ "ނޫސްވެރިކަމުގެ އިނާމު 2015" އެވޯޑު ދިނުމަށް މި ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ ފުރަތަމަ 50 އަހަރު އެ ދާއިރާ އަށް އެންމެ ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ފަސް ބޭފުޅުންގެ ތެރޭގައި ޒާހިރު ނަސީރު ހިމެނިވަޑައިގަންނަވާ އިރު، ނޫސްވެރިކަމުގެ ދާއިރާގައި ކޮށްދެއްވާފައި ހިދުމަތްތައް ފާހަގަކޮށް "ނޫސްވެރިކަމުގެ ރަން ގަލަން" ވެސް އެމަނިކުފާނަށް ވަނީ އަރުވައިފަ އެވެ.
އޭގެ އިތުރުން ގައުމަށް ކޮށްދެއްވާފައިވާ ހިދުމަތުގެ އަގު ވަޒަންކޮށް ދިވެހި ދައުލަތުން ވަނީ އެމަނިކުފާނަށް ނިޝާން ޢިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ޝަރަފު ވެސް އަރުވައިފަ އެވެ.
ޒާހިރުގެ ނޫސްވެރިކަމުގެ ހަޔާތް ފެށިގެން އައީ އެމަނިކުފާނު އަވަށްޓެރި ސްރީލަންކާގައި ކިޔަވާ ވިދާޅުވާން ހުންނެވި އިރު، ސެއިންޓް ޕީޓާސް ކޮލެޖުގެ ޕީޓާ ރައިޓަށް ލިޔުއްވަން ފެއްޓެވި ހިސާބުންނެވެ.
ކިޔަވާ ވިދާޅުވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ރާއްޖޭގެ ފުރަތަމަ ނޫސް ކަމުގައިވާ "ސަރުކާރުގެ ޚަބަރު"ގައި ވެސް އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް އެމަނިކުފާނު ވަނީ ކޮށްދެއްވައިފަ އެވެ. އޭގެ ފަހުން ރާއްޖޭގައި ނެރުނު ގިނަ ނޫސްތަކުން އެމަނިކުފާނުގެ ލިޔުއްވުންތައް ވަނީ ފެނިގެން ގޮސްފަ އެވެ.