ކޮންމެ ފުލުހަކީވެސް ގާނޫނީ މަސްއޫލިއްޔަތެއް، ގާނޫނީ އިމުގެ ތެރެއިން އަދާކުރަމުންދާ މީހެއް ކަމަށާއި ގާނޫނާއި ގަވާއިދާ ހިލާފުވެ ގާނޫނީ އިމުން ބޭރުން ކަންކުރާނަމަ އެ ފުލުހަކާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 83 ވަނަ އަހަރީ ދުވަހުގެ ކަންކަން އިންތިޒާމު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކޮށް ސެޓްފިކެޓް ދިނުމަށް މިއަދު އިސްކަންދަރު ކޮށީގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަރީފު ވިދާޅުވީ ފުލުހުން އަބަދުވެސް ހިދުމަތް ކުރަމުންދާނީ ގާނޫނީ އިމުގެ ތެރެއިން ގާނޫނާއި ގަވާއިދުތައް ދަމަހައްޓާ ބައެއްގެ ގޮތުގައި ކަމަށެވެ.

އެހެންކަމުން ފުލުހެއްގެ މަސައްކަތް ފުރިހަމަ ގޮތުގައި އަދާކުރާއިރު އަދި ފުލުުހުންގެ ދައުރު އަދާކުރާއިރު ގާނޫނީ ކަންކަމަށް އަބަދުވެސް އިސްކަން ދޭނެ ކަމަށާއި ގާނޫނީ އިމުން ބޭރުން ކަންކުރާނަމަ އެ ފުލުހަކާމެދު ފިޔަވަޅު އަޅަމުންގެންދާ ކަމުގައި ވަނީ ވިދާޅުވެފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއެކު ހައްޖު ސްކީމްގައިވެސް ސޮއިކޮށްފަ އެވެ.

އެ ސްކީމުގެ ފައިދާ އާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އަރީފް ވިދާޅުވީ އެ ސްކީމުގެ ބޭނުން ހެޔޮގޮތުގައި ހިފައި ހައްޖުގެ މަތިވެރި އަޅުކަމާއި އުމުރާގެ އަޅުކަން ފުރިހަމަ ކުރުމަށް ފުލުހުންނާއި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

ހަމަ އެއާއެކު ދީނީ ކަންކަމަށް އަބަދުވެސް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ޑިއުޓީ އަދާކުރަމުންދާއިރުވެސް އުޚްރަވީ ކަންކަން ހަނދާން ނައްތާލައިގެން ނުވާނެކަމަށް ސީޕީ އަރީފު ވިދާޅުވި އެވެ.