03 May 2016, 23:46
ވައިގެ މަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުކުރެވޭ ދެ ދިވެހިން ހައްޔަރުކޮށްފި އެވެ.
މިއަދު މޯލްޑިވްސް ކަސްޓަމްސް އިން ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ފެނުމާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ އަންހެނެކެވެ.
އެ ދެމީހުންގެ ތެރެއިން ފިރިހެންމީހާ ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކޮލަމްބޯއިން ރާއްޖެ އައި ފްލައިޓަކުން ރާއްޖެ އައިތަނުން އެމީހާގެ ލަގެޖް ކަސްޓަމްސް އޮފިސަރުން ބަލައިފާސްކުރި އިރު އޭނާ ގެންގުޅުނު ޓްރޯލީ ބޭގެއްގެ ތެރޭގައި އޮތް އަތް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތި ފެނިގެންނެވެ.

ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގެން މަސްތުވާތަކެތި -- ފޮޓޯ: ޕޮލިސް
ފުލުހުން ބުނީ އެމީހާ ގެންގުޅުނު ޓްރޯލީ ބޭގް ތެރެއިން ފެނުނު އަތް ދަބަހުގެ ތެރޭގައި ރައްކާކޮށްފައިވަނިކޮށް ވަގުތީ ބަރުދަނުގައި 940 ގްރާމަށްވުރެ ގިނަ ހެރޮއިންކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާ ކަމަށެވެ.
އޭނާ އަކީ ވައްކަމާއި މަސްތުވާތަކެތީ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވޭ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މިއަދުގެ މެންދުރުފަހު ކޮލަމްބޯއިން ރާއްޖެ އައި ފްލައިޓަކުން ރާއްޖެ އައިތަނުން ކަސްޓަމްސް އޮފިސަރުން އޭނާ ގެންގުޅުނު ފޮއްޓެއް ބަލައިފާސްކުރިއިރު އެފޮށި ތެރޭގައި ރައްކާކޮށްފައިވަނިކޮށެވެ. ކަސްޓަމްސް އޮފިސަރުން އޭނާގެ ފޮށި ބަލައިފާސްކުރިއިރު އެ ފޮށިތެރޭގައި ރައްކާކޮށްފައިވަނިކޮށް 760 ގްރާމްގެ ވަގުތީ ބަރުދަނުގެ ހެރޮއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ދެ މައްސަލަވެސް ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.