މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އަލަށް ތައާރަފު ކުރި އެންމެ އުއްމީދީ ނޫސްވެރިއާގެ އެވޯޑު "ސަން އޮންލައިން" ގެ ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ ހޯދައިފި އެވެ.

އެންމެ އުންމީދީ ނޫސްވެރިއާގެ އެވޯޑަކީ މި އަހަރު މުޅިން އަލަށް ތައާރަފު ކުރި އެވޯޑެކެވެ. އެ އެވޯޑަކީ "އެޑިޓާސް ޗޮއިސް" އިން ހޮވާލެވޭ ނޫސްވެރިއަކަށް ދޭ އެވޯޑެކެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން، މިއަހަރު ދޭ "ނޫސްވެރިކަމުގެ އިނާމު 2015" ދިނުމަށް ދަރުބާރު ގޭގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ސާއިލް އަށް 15،000 ރުފިޔާގެ ފައިސާގެ އިނާމާއި އުންމީދީ ނޫސްވެރިޔާގެ އެވޯޑު ހަވާލުކޮށްދެއްވީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ނައިބު ރައީސް ޝަރީފް ނަފީސް އެވެ.

ސާއިލް އަކީ އުމުރުން 18 އަހަރުން ފެށިގެން ސަން އޮންލައިން ގައި މަސައްކަތް ކުރަމުން އަންނަ ނޫސްވެރިއެކެވެ.

ސާއިލް އާންމުކޮށް ކަވަރު ކުރަނީ އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ އަދި ވިޔަފާރީގެ ހަބަރުތަކާއި ރިޕޯޓުތަކެވެ. ސާއިލް ފާހަގަކުރެވެނީ އިޖުތިމާއީ ރިޕޯޓުތައް ގެނެސްދިނުމުގައި ކުޅަދާނަ ނޫސްވެރިއެއްގެ ގޮތުގަ އެވެ.

އެގޮތުން މިދިޔަ އަހަރު އެކަނިވެސް ސާއިލް ވަނީ 128 ރިޕޯޓާއި 1000 ށް ވުރެ ގިނަ ހަބަރު ލިޔެފަ އެވެ.