03 May 2016, 18:43
އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މާދަމާ ބީޖީ ސްޕޯޓްސް ކްލަބާ ދެކޮޅަށް މާޒިޔާ ސްޕޯޓްސް ކްލަބް ނިކުންނައިރު އެ ޓީމް އެންމެ ފަހުން ކުޅުނު އޭއެފްސީ ކަޕްގެ މެޗުގެ އަސަރެއް ނުކުރާނެ ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.
އޭއެފްސީ ކަޕްގައި އެންމެ ފަހުން މާޒިޔާ ކުޅުނު މެޗުގައި އެ ޓީމުން ގޯލެއް ޖަހައި ކުރި ހޯދާފައިވަނިކޮށް މެޗުގެ އެންމެ ފަހު ވަގުތުގައި އިންޑިއާގެ މޯހަން ބަގާން އިން ގޯލެއް ކާމިޔާބު ކޮށް މެޗުގެ ނަތީޖާ އެއްވަރުވެ މާޒިޔާ އަށް އެ މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު މިހާރު ވަނީ ގެއްލިފައެވެ.
"މާދަމާ އަހަރެމެން މި ކުޅެނީ މޯހަން ބަގާން އަކާ ނޫން. އެހްނެވީމަ އެނަތީޖާ އަކުން މާބޮޑު ކަމެއް ވާނެހެން ހިއެއްނުވޭ. މާދަމާ މިކުޅެނީ ބީޖީއާ ދެކޮޅަށް. އެ ނަތީޖާ އިންވާނެ މާބޮޑު ގެއްލުމެއް ނެތް،" ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ އޭއެފްސީ ކަޕްގެ މެޗުގެ އަސަރު މާޒިޔާ އަށް ނުކުރި ނަމަވެސް އެ ނަތީޖާ އިން މާޒިޔާ ވަރަށް ގިނަ ފިލާވަޅުތަކެއް ދަސްކުރުން ޖެހޭ ކަމަށެވެ.
ލީގްގައި ވާދަކުރާ ހުރިހާ ޓީމް ވެސް މިހާތަނަށް އެއް މެޗު ކުޅެފައިވާއިރު މާޒިޔާ ކުޅުނު ފުރަތަމަ މެޗު އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އަތުން މޮޅުވީ ފަހު ވަގުތު މުހައްމަދު އުމައިރު ކާމިޔާބު ކޮށްދިން ގޯލާ އެކު 3-2ގެ ނަތީޖާ އަކުންނެވެ.
މާދަމާގެ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސުޒޭން ބުނީ މާޒިޔާ އިން ވަނީ އެ މެޗަށް ވަރަށް ބޮޑަށް ތައްޔާރު ވެފަ ކަމަށާއި އަނިޔާގެ އެއްވެސް މައްސަލައެއް ވެސް ޓީމުގައި ނެތް ކަމަށެވެ.
"ހުރިހާ ކުޅުންތެރިން ވެސް ހުރީ މެޗަށް ފިޓްވެފަ. އުމައިރު މި ދޭތެރެއިން ހުން އައިސްގެން އުޅުނު ނަމަވެސް އިއްޔެ އިން ފެށިގެން އެވަނީ ޓްރެއިނިން ތަކުގައި ބައިވެރިވާން ފަށާފަ،" ސުޒޭން ބުންޏެވެ.
ލީގްގައި މި ދެ ޓީމް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 ޖަހާ އިރު ރަސްމީ ފުޓު ބޯޅަ ދަނޑުގައެވެ.