ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ސަރުކާރު ހިންގާ ޔޫއެންޕީގެ މެމްބަރަކަށް އަނިޔާވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.

ސަރުކާރާއި ކުރީގެ ރައީސް ރާޖަޕަކްސައަށް ވާގިވެރިވާ ގުޅިފައިވާ އިއްދިހާދުގެ މެމްބަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި މޫނަށާއި ބޮލަށް ލިބުނު އަނިޔާތަކެއްގެ ސަބަބުން ޖެނެރަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ ސަންދިތު ސަމަރަސިންހަ އެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ހަމަނުޖެހުން ހިނގާފައިވަނީ، މަހިންދަ ރާޖަޕަކްސަ އަށް ދީފައިވާ އަސްކަރީ ސެކިއުރިޓީ އަނބުރާ ގެނައުމާއި ގުޅޭގޮތުން ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަށް އިދިކޮޅު މެމްބަރު ދިނޭޝް ގުނަވަރުދަނާ ކުރެއްވި ސުވާލަކާ ގުޅިގެން ކުރީގެ އާމީ ކޮމާންޑަރު އަދި މިހާރު މެމްބަރު ސަރަތު ފޮންސެކަ ވާހަކަފުޅުދެއްކެވުމުން، އުފެދުނު ޚިޔާލު ތަފާތުވުންތަކެއްގައެވެ.

ގުނަވަރުދަނާ ވިދާޅުވީ، ތަމަޅަ ޓައިގަރުން ބަލިކުރެއްވީ ރާޖަޕަކްސަ ކަމަށާއި އެމަނިކުފާނުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އަސްކަރިއްޔާގެ ބަދަލުގައި ފުލުހުން ހަމަޖެއްސުމަކީ ރާޖަޕަކްސަގެ ފުރާނަފުޅު ނުރައްކަލެއް ވެދާނެ ކަމެއް ކަމަށެވެ.

ނަމަވެސް ރަނިލް ވިދާޅުވީ، ވީވީއައިޕީސް އަށް ފުލުހުންގެ ސެކިއުރިޓީ ދޭން ސަރުކާރުން ނިންމާފައިވާ ކަމަށާއި ރާޖަޕަކްސްއަށް ވެސް ފުލުހުންގެ ސެކިއުރިޓީ ބޭނުންކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން، ތަމަޅަ ޓައިގަރުންނާއެކު ކުރި 30 އަހަރުގެ ދިގު ހަނގުރާމައިގެ ފަހުކޮޅު ކުރީގެ އާމީ ކޮމާންޑަރު އަދި މިހާރު މަޖިލީހުގެ މެމްބަރު ސަރަތް ފޮންސެކަ އަށް ވެސް އަސްކަރިއްޔާއިން ސެކިއުރިޓީ ފޯރުކޮށްދީފައިނުވާ ކަމަށެވެ.

މަޖިލީހުގައި މިއަދު ހިނގި ހަމަނުޖެހުން ހޫނުވެ މެމްބަރުންގެ މެދުގައި ހަމަނުޖެހުން ހިންގަން ފެށުމުން މިއަދުގެ މަޖިލީހުގެ ޖަލްސާ ވަނީ މެދުކަނޑާލުމަށްފަހު، މާދަމާ އަށް ފަސްކޮށްފައެވެ.

މައުލޫމާތު (ޑެއިލީ މިރާ، ކޮލަންބޯ ގެޒެޓް)