ގއ. ގެމަނަފުށީގައި ސަރުކާރުން އެޅި ހަތަރު ހައުސިންގް ޔުނިޓު ދޫކުރުމަށްޓަކައި އެރަށު ކައުންސިލުން ކޮށްފައިވާ އިއުލާނު، އެ ކައުންސިލުން ބާތިލުކޮށްފި އެވެ.

އެ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ، ހައުސިންގް ޔުނިޓުތައް ދޫކުރުމަށް އެރަށު ކައުންސިލުން ކުރި އިއުލާނު ބާތިލުކޮށްފައި ވަނީ، އެ އިއުލާނުގައި ކައުންސިލުން ހިމަނަން ޖެހޭ ބައެއް މައުލޫމާތު ހިމެނިފައި ނުވާތީ ކަމަށެވެ. އެ ކައުންސިލުން ބުނީ، ހައުސިންގ ޔުނިޓުތައް ދޫކުރުމަށް ދާދި އަވަހަށް އިއުލާނު ކުރެވޭނެ ކަމަށެވެ.

އޭޕްރިލް ހަތްވަނަ ދުވަހުއެ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައި ވަނީ، ސަރުކާރުން އެރަށުގައި އަޅައިދިން ހަތަރު ހައުސިންގް ޔުނިޓަށް ކުރިމަތިލާ ފަރާތަކީ 21 އަހަރު ވެފައިވާ، އަދި އެފަރާތެއްގެ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނެތް މީހަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެމީހެއްގެ އަތުގައި 600 އަކަފޫޓަށް ވުރެ ކުޑަ ގޯއްޗެއް ވާ ނަމަ އެ ގޯއްޗެއް ސަރުކާރަށް ދޫކޮށްލަން އެއްބަސް ވާން ޖެހެ އެވެ.

މި ހައުސިންގ ޔުނިޓުތަކުގެ ތެރެއިން ޔުނިޓެއް ލިބޭ ފަރާތަކުން އެޑްވާންސް ޕޭމެންޓުގެ ގޮތުގައި 19،000 ރުފިޔާ ސަރުކާރަށް ދޭން ޖެހޭ އިރު، 20 އަހަރު ދުވަސް ވަންދެން ކޮންމެ މަހަކު 2،500 ރުފިޔާ ސަރުކާރަށް ދައްކަން ޖެހެ އެވެ.