03 May 2016, 17:56
މި ސީޒަނުގެ ފުޓްބޯޅަ ސީޒަނުގެ ފޭވަރިޓުންނަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ހިމެނޭ ޓީމު ކަމަށް ނިއު ރޭޑިއަންްޓް ސްޕޯޓްސް ކްލަބުގެ ކޯޗު ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ބުނެފި އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ރޭ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާޒިޔާއަށް ނިސްބަތްކޮށް ސްޓޮއިކޯފް ބުނީ، އެހެން ހުރިހާ ޓީމަކަށްވުރެ މާޒިޔާ އުޅެނީ ފެންވަރުގެ ގޮތުން ކުރީގައި ކަމަށެވެ.
"މި ސީޒަނުގައި ފޭވަރިޓުންނަކީ ގައުމީ ޓީމުގެ ކުޅުންތެރިން އެކުލެވޭ ޓީމުކަމާ މެދު ޝައްކެއް ނެތް. އެހެން ހުރިހާ ޓީމަކީ ގާތްގަނޑަކަށް އެއް ފެންވަރެއްގެ ޓީމުތައް. ޓީސީއަކީ ރަނގަޅު ޓީމެއް. ވިކްޓަރީން ބަލިން އަރައިގަންނާނެ. ވިކްޓަރީއަކީ ދިވެހި ފުޓްބޯޅައިގައި ނަން ވިދާ ޓީމެއް. އެއް ފިޔަވަޅު ކުރީގައި އުޅޭ ޓީމަކީ ގައުމީ ފުޓްބޯޅަ ޓީމު،" އޭނާ ބުންޏެވެ.
ލީގުގައި ނިއު ރޭޑިއަންޓް ކުޅުނު ފުރަތަމަ މެޗުގައި މަޒިޔާ އަތުން 3-2 ލަނޑުން ބަލިވި އިރު، އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޔުނައިޓެޑް ވިކްޓަރީ ކުޅުނު ފުރަތަމަ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން 5-2 ލަނޑުން ވަނީ މޮޅުވެފަ އެވެ.
އެ މެޗާ ބެހޭގޮތުން ސްޓޮއިކޯފް ބުނީ، ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި މާދަމާގެ މެޗަކީ އުނދަގޫ މެޗަކަށް ވާނެ ކަމަށެވެ.
"ފުރަތަމަ މެޗުގައި ޖެހި ފަސް ލަނޑަށްފަހު، ޔުނައިޓެޑް ވިކްޓަރީގެ ހިތްވަރު އާވެގެންދާނެ. އަދި ނިއު ރޭޑިއަންޓާ ދެކޮޅަށް ނުކުންނާތީ އިތުރަށް އެ ޓީމުގެ ކުޅުން ވަރުގަދަ ކުރާނެ. އެހެންވެ، އަހަރެންގެ ތަޖުރިބާއަށް ބަލާފައި އެ މެޗަކީ ވަރަށް އުނދަގޫ އަދި ވާދަވެރި މެޗަކަށް ވާނެ. އެކަމަކު އަހަރެންގެ ކުޅުންތެރިންނަށް އަހަރެން އިތުބާރުކުރަން. އެހެންވެ، މެޗުން އަހަރެމެންނަށް މޮޅުވެވިދާނެ ކަމަށް ގަބޫލުކުރަން،" އޭނާ ބުންޏެވެ.
ސްޓޮއިކޯފް ބުނީ، އެހެން ޓީމުތައް ލީގުގައި ކުޅުނު ބައެއް މެޗުތައް ބެލި ކަމަށާއި އޭގެ ތެރޭގައި ރަނގަޅު ކުޅުމެއް ދެއްކި ޓީމުތައް ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް އެ ޓީމުތަކުގެ ތެރޭގައި މާޒިޔާ ނުހިމެނޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"ފުރަތަމަ މެޗުތަކުގައި ވެލެންސިއާ އަދި އީގަލްސް ރަނގަޅު ކުޅުމެއް ދެއްކި. އޭގެ ތެރޭގައި އަހަރެން ނުބަލަން މާޒިޔާއެއް. އެއީ މާޒިޔާއަކީ މުޅިން ތަފާތު ވާހަކައެއް. މި ސީޒަނުގެ ލީގު ވާދަވެރިވާނެ ކަމަށް އަހަރެން ގަބޫލުކުރަން. ޓީމުތަކުގެ މެދުގައި މާ ބޮޑު ތަފާތެއް ނެތް. ކޮންމެ ޓީމަކަށް އެއް މެޗު ގެއްލި، އަނެއް މެޗުން މޮޅުވެވިދާނެ. އެކަން ބަރޯސާވަނީ ކްލަބުތަކުގެ މެނޭޖްމަންޓާއި ކުޅުންތެރިން ގެންގުޅޭ ގޮތަށް. މި ސީޒަނަކީ ވަރަށް ދިގު ސީޒަނެއް. ސީޒަނުގެ ތެރޭގައި ބައިވަރު ކަންތައްތަކެއް ކުރިމަތިވެދާނެ. ލީގުގައި ވެދާނެ ގޮތަކާ މެދު އެއްޗެކޭ ބުނަން އަދި މާ އަވަސް،" އޭނާ ބުންޏެވެ.
ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ނުކުންނާނީ މާދަމާރޭ 9:00 ގައެވެ.