09 May 2011, 13:39
އައްޑޫ ސިޓީގައި މިހާރަކަށް އައިސް ވަގުނޫޓްތަކެއް ދައުރުވަމުންދާ ކަމުގެ ޝަކުވާ ބައެއް އާއްމުން ކޮށްފައިވާ ކަމަށް އައްޑޫ ސިޓީގެ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
އައްޑޫސިޓީގެ މޭޔަރު އަބުދުﷲ ސޯދިގު މިއަދު ވިދާޅުވީ ވަގު ނޫޓް ލިބުނު ކަމަށް ބައެއް މީހުން ބުނުމުން އޭނާ އައްޑޫ ސިޓީގެ ބައެއް ފިހާރަތަކަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވި ކަމަށެވެ. އަދި އެފަދަ ނޫޓް ލިބިފައިވާ ކަމަށް ބައެއް ފިހާރަތަކުން ބުނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވީ، އެފަދަ ނޫޓެއް އައްޑޫގައި ހިންގާ ބޭންކަކަށް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށާއި އެ ސިޓީގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗުން ވެސް އެއީ ތެދެއް ކަމަށް އެއްބަސްވެފައި ނުވާ ކަމަށެވެ. އަދި މިހާރު އައްޑޫ ސިޓީގައި ދައުރުވަމުންދާ ކަމަށް ބުނާ ވަގުނޫޓެއް ސޯދިގުއަށް ފެނިވަޑައިގެންފައި ނުވާކަމަށާއި އެހެންވެ އެފަދަ ނޫޓު ހުންނަ ގޮތް އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑާ ހަމައަކަށް އަދި އެފަދަ ނޫޓެއް ނާދޭ، އެކަމަކު މީހުން އެބަ ބުނޭ ވަގުނޫޓް އެބަބުނޭ އެފަދަ ނޫޓް ލިބުނުކަމަށް." ސޯދިގު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެގޮތަށް އެވާހަކަ ބުނެފައި ވަނީ ވެސް ވަރަށް މަދު ބަޔަކު ކަމަށެވެ.
އައްޑޫ ސިޓީގައި އުޅޭ އެ ސިޓީގެ ރައްޔިތަކު ބުނީ ވަގުނޫޓް އެ ސިޓީގައި ދައުރުވާ ވާހަކަ އެހާ ބޮޑަށް ދެކެވެމުން ނުދާކަމަށެވެ. ނަމަވެސް އެންމެ މީހަކު އެކަހަލަ ނޫޓް އުޅޭ ކަމަށް ބުނި ކަމަށް ވެސް އޭނާ ބުންޏެވެ.