އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ރެޖިސްޓާޑް ނަރުހުން ބޭނުންވެގެން މިދިޔަ މަހުގެ މެދުތެރޭގައި ކުރި އިއުލާނަށް އެދެވޭ ވަރަށް މީހުން ކުރިމަތިލާފައި ނުވާތީ، އަލުން މީހުން ހޯދަން އިއުލާންކޮށްފި އެވެ.

އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު ޒީނަތު އަލީ ހަބީބް މިއަދު ސަން އަށް ވިދާޅުވީ، މިދިޔަ މާޗް މަހުން ފެށިގެން އެ ހޮސްޕިޓަލަށް ރެޖިސްޓާޑް ނަރުހުން ބޭނުންވެގެންދަނީ ތަކުރާރުކޮށް އިއުލާންކުރަމުންނެވެ.

އެގޮތުން، މިދިޔަ މާޗް މަހު 50 ރެޖިސްޓާޑް ނަރުހުން ހޯދަން އިއުލާންކުރުމަށް ފަހު އެ މަގާމަށް އެދެވޭ ވަރަކަށް މީހުން ކުރިމަތިލާފައި ނުވާތީ، މިދިޔަ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު އަނެއްކާ 33 ރެޖިސްޓާޑް ނަރުހުން ހޯދުމަށް އިއުލާންކޮށްފައިވެ އެވެ.

ޒީނަތު ވިދާޅުވީ، އައިޖީއެމްއެޗް އަށް 33 ރެޖިސްޓާޑް ނަރުހުން ބޭނުންވެގެން އިއްޔެ އަލުން އިއުލާނެއް ކޮށްފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލުން ކުރި އިއުލާނުގައި ބުނީ، ރެޖިސްޓާޑް ނަރުހުންގެ މުސާރަ އަކީ 5610 ރުފިޔާ ކަމަށެވެ. އަދި ސާވިސް އެލަވަންސެއްގެ ގޮތުގައި ކޮންމެ މަހަކު ވެސް 2500 ރުފިޔާ ލިބޭނެ ކަމަށާއި ރިސްކު އެލަވަންސެއްގެ ގޮތުގައި މަސައްކަތަށް ނުކުންނަށް ކޮންމެ ދުވަހަކަށް 100 ރުފިޔާ ލިބޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ކުރަން ޖެހޭ މައިގަނޑު މަސައްކަތްތައް

  • ވޯޑެއް ހިންގުމުގައި އެކަށީގެންވާ ގޮތަށް ނާސިން ކެއާ ދެވޭނޭ ފަދަ އިންތިޒާމުތައް ރޭވުން ބަލި މީހުންނަށް ނާސިންގް ކެއާ ދިނުމާއި، އަދި މިކަމުގައި އިޙްސާންތެރިކަމާ އެކު އެމީހުންގެ ޖިސްމާނީ ނަފުސާނީ އަދި އިޖުތިމާޢީ ބޭނުންތަކަށް ރައްކާތެރިވުން.

  • ބަލިމީހުންނަށް ދިމާވާ އާދަޔާ ޚިލާފު ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯޓްކުރުމާއި އަދި ރިފާކޮށްފައިތިބޭ މީހުން އެޑޮކްޓަރަކަށް އެންގުން.
  • ޑޮކްޓަރުންގެ ލަފާގެ މަތިން ބަލި މީހުންނަށް ދެވޭ ފަރުވާ ރީހެބިލިޓޭޝަނާ ބެހޭ ގޮތުން އެމީހުންނަށް މައުލޫމާތު ދިނުން
  • ދިމާވާ އިމަޖެންސީތައް ވަގުތުން ކަމާ ބެހޭ ޑޮކްޓަރުންނަށް އެންގުމާއި ޑޮކްޓަރުން އަންނަންދެން އެފަދަ އިމަރޖެންސީތައް މެނޭޖްކުރުން.

ތަޢުލީމާއި ތަޖުރިބާ:

  • ސަރުކާރު ގަބޫލުކުރާ އިންސްޓިޓިއުޓެއްގައި ނާސިން ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓު ހާސިލުކޮށްފައިވުން ނުވަތަ،

  • ޑިޕްލޮމާއިން ކޮންވާޝަން އިން ނާސިންގް ކޯސް ފުރިހަމަކޮށްފައިވުން

އައިޖީއެމްއެޗުން ބުނީ އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެ މަގާމަށް ގާބިލު ފަރާތްތައް ނެގުމުގައި ތިން ކަމަކަށް ބަލާނެ ކަމަށެވެ.

އެގޮތުން ހާސިލުކޮށްފައިވާ ތައުލީމާއި ތަމްރީނާއި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާގެ އިތުރުން ގާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކުރާނެ ކަމަށެވެ.

އެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 1:30ގެ ކުރިން އައިޖީއެމްއެޗަށް އެކަމަށް އެދި ހުށަހެޅުމަށް ވެސް އައިޖީއެމްއެޗުން އެދިފައިވެ އެވެ. އަދި އޭގެފަހުން ހުށަހަޅާ އެއްވެސް ފޯމެއް ލިޔުމެއް ބަލައިނުގަނެވޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އެ މަގާމްތަކަށް ކުރިމަތިލާ ފަރާތްތަކާއެކު މިމަހުގެ ތެރޭގައި އިންޓަވިއު ކުރާނެ ކަމަށް ވެސް އައިޖީއެމްއެޗް އިން ބުނެ އެވެ.