ޕީއެސްއެމް އިން ގެނެސްދިން މޯލްޑިވިއަން އައިޑަލް ކާމިޔާބު ކުރި ލައިޝާ ޖުނައިދު އަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ދ.މީދޫ ބިން ހިއްކުމުގެ މަޝްރޫއު ނިންމުމަށް މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރޭ އިއުލާން ކުރި ދިވެހި ތާރީހުގައި އެންމެ ފުރަތަމަ ލިޔެވޭ މޯލްޑިވިއަން އައިޑަލް ކަމަށާއި ލައިޝާ އަށް އިހުލާސްތެރިކަމާ އެކު ތަހުނިޔާ ވިދާޅުވާ ކަމަށެވެ.

"އެހެންވީމާ ރޭގައި އިއުލާން ކުރެވިގެން އެ ދިޔައީ ދިވެހި ރައްޔިތުންގެ ވޯޓާއެކީ ދިވެހި ރާއްޖޭގައި ތާރީހުގައި ލިޔެވޭ އެންމެ ފުރަތަމަ މޯލްޑިވިއަން އައިޑޮލެއްގެ ގޮތުގައި ފާހަގަވެގެން އެ ދިޔައީ ލައިޝާ ޖުނައިދު، ލައިޝާ ޖުނައިދަށް އަޅުގަނޑު ވަރަށް މަރުހަބާ ދަންނަވައި އިހުލާސްތެރިކަމާ އެކީ ތަހުނިޔާ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރެއަކީ ރާއްޖޭގެ ޒުވާނުންނަށް ވަރަށް އުފާވެރި ރެއެއް ކަމަށާއި ޒުވާނުންގެ ޝައުގުވެރިކަން ވޭތުވެދިޔަ ދުވަސްތަކުގައި ހޭދަވީ މޯލްޑިވިއަން އައިޑަލް ބެލުމަށް ކަމަށެވެ.

"ޒުވާނުންގެ ޝައުގުވެރިކަން މިދިޔަ ތިން ހަތަރު ވަރަކަށް ހަފުތާ ވަންދެން ހޭދަވެގެން ދިޔައީ މޯލްޑިވިއަން އައިޑޮލްގެ ޝޯތައް ބަލަން، އާދެ ރީތި ރާގުތައް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އިވިގެން ދިޔައީ، ޒުވާނުން މުޅިވެސް މިކަމުގައި ހަރަކާތްތެރިވެގެން ދިޔައީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި މިހާތަނަށް ބޭއްވި ލަވަ ކިއުމުގެ އެންމެ ބޮޑު ޝޯވްއިން، ލައިޝާ ހޮވިފައި ވަނީ ޖަޖުންގެ 50 ޕަސެންޓު މާކުހާއި ބެލުންތެރިންގެ 50 ޕަސެންޓު ވޯޓު އެންމެ މަތިން ލިބިގެންނެވެ.

މޯލްޑިވިއަން އައިޑޮލް ކާމިޔާބުކުރުމުގެ އިނާމެއްގެ ގޮތުން ލައިޝާ އަށް ވަނީ 250،000 ރުފިޔާ ހަދިޔާކޮށްފަ އެވެ.

އޭގެއިތުރުން ވެސް ގިނަ އިނާމްތަކެއް ލައިޝާއަށް ލިބިފައިވާއިރު، 2.5 މިލިއަން ވަރަކަށް ރުފިޔާގެ އިނާމް އޭނާ އަށް ވަނީ ލިބިފައެވެ.

މޯލްޑިވިއަން އައިޑަލް ލައިޝާ ކާމިޔާބު ކުރި އިރު އެ ޝޯވެ ދެވަނަ ހާސިލު ކުރީ ޝަލަބީ އިބްރާހިމް އެވެ. އަދި ތިން ވަނަ ހާސިލު ކުރީ މުހައްމަދު އިޝާން އެވެ.