އެކުއެޑޯއަށް މިދިޔަ މަހުގެ ތެރޭގައި އައި ބާރުގަދަ ބިންހެލުމަށް ފަހު އިމާރާތެއްގެ ދަށުގައި 13 ދުވަސް ވަންދެން ތާށިވެފައި އޮތް އުމުރުން ދުވަސްވީ މީހަކު ދިރިހުއްޓާ ސަލާމަތްކޮށްފި އެވެ.

ކުއިޓޯގައި ހުންނަ ވެނަޒުއޭލާގެ އެމްބަސީން ބުނީ، މެނުއެލް ވަސްކުއެޒް ނަމަކަށް ކިޔާ 72 އަހަރުގެ އެ މީހާ ސަލާމަތްކޮށްފައިވަނީ އެކުއެޑޯގެ މަސްވެރި އަވަށެއް ކަމަށްވާ ޖަރަމީޖޯއަށް ލިބުނު ގެއްލުންތައް ބެލުމަށް ހަރަކާތްތެރިވަމުންދިޔަ ރެސްކިއު ޓީމަކަށް ކަމަށެވެ.

އެއްބައިވެއްޓިފައި އޮތް އިމާރާތެއްގެ ދެ ފާރު ދޭތެރޭގައި ވަސްކުއެޒް އޮތްކަން އިނގުނީ، ސަލާމަތަށް އެދި އޭނާ ހަޅޭއްލަވާ އަޑު އެ ޓީމަށް އިވިގެންނެވެ.

ކާނެ އެއްޗެއް ނެތި ގާތްގަނޑަކަށް ދެ ހަފްތާ ވަންދެން އިމާރާތުގެ ދަށުގައި ތާށިވެފައި އޮތް ވަސްކުއެޒް ހޮސްޕިޓަލަށް ގެންދިޔައިރު، އޭނާ އޮތީ ކިޑްނީ ފެއިލްވެ ޑީހައިޑްރޭޓްވެ އަދި އޭނާގެ ކުޑަކަމުދާ ގުނަވަނަށް މައްސަލަތަކެއް ދިމާވެފަ އެވެ.

މީގެ އިތުރުން، އޭނާގެ ބައެއް ފައިގެ އިނގިލިތައް ބުރިވެ، ތަނބިކަށީގެ ސެލްތައް މަރުވެ ހުޅުން ނެއްޓިފައިވާ ކަމަށް ވެނަޒުއޭލާގެ އެމްބަސީން ބުނެއެވެ. އޭނާ އަދިވެސް އޮތީ ހޮސްޕިޓަލުގަ އެވެ.

އޭނާ ސަލާމަތްކޮށްފައި ވަނީ، ބިންހެލުމަށް ފަހު މީހުން ސަލަމާތްކުރުމުގެ މަސައްކަތް ނިންމާލައި، ދިރިހުރި އެކަކުވެސް ފެނުމުގެ އުއްމީދު ކަނޑާލާފައިވަނިކޮށެވެ.

އެކުއެޑޯއަށް މިދިޔަ މަހުގެ 16 ވަނަ ދުވަހު 7.8 މެގްނިޓިއުޑްގެ ބާރު މިނުގައި އައި ބިންހެލުމުގެ ސަބަބުން 650 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަހަމްވެފައިވާ އިރު، ގިނަ ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

އެ ބިންހެލުމަށް ފަހު އެކުއެޑޯގެ އެކި ސަރަހައްދުތަކަށް 700 އަށްވުރެ ގިނަ ލޮޅުން އައިސްފައިވާ އިރު، 7000 އިމާރާތް ބިމާހަމަވެ، 26000 މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.