ރައްޔިތުންނަށް އުނދަގޫވާ ގޮތަށް މަގުމައްޗަށް ނުކުމެ މުޒާހަރާކޮށް އިހުތިޖާޖު ކުރާނަމަ އެކަމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށާއި އަމިއްލަ ޕާޓީގެ މެމްބަރުން މަގުމައްޗަށް ނުކުމެ، އިހުތިޖާޖު ކުރާ ނަމަ އެ އެއްވުން ރޫޅާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ދ. މާއެނބޫދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމުން ވެރިކަން ކުރަނީ ދިވެހި ރައްޔިތުންނަށް ދަތި ކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އަދި ރައްޔިތުންނަށް ދަތިވާ ގޮތަށް ޕީޕީއެމްގެ ސަރުކާރަކުން ވެރިކަމެއް ނުކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންނަށް ދަތިވާ ގޮތަަކަށް އެހެން ޕާޓީތަކުންވެސް މަސައްކަތް ކުރާ ކަމަށްވާ ނަމަ އެކަން އަދުގެ ސަރުކާރުން ހުއްޓުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން މާލޭގެ ހަލަބޮލި މަގުތަކުގެ މަތީގައި އަބަދު މުޒާހަރާ ކުރެވެން ވާނެ ކަމަކަށް. އަޅުގަނޑުމެން ގަބޫލެއް ނުކުރަން މާލޭގެ ހަތަރު އަނގޮޅި ކަންމަތީގައި އިށީނދެގެން ތިބެ ހިނގާ މީހުންނަށް އުނދަގޫވާ ގޮތަށް. ޓްރެފިކަށް ދަތިވާ ގޮތަށް އެއްވެސް ބަޔަކަށް އިހުތިޖާޖު ކުރެވިގެން ވާނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. ހުދު އަޅުގަނޑުގެ ޕާޓީން އެކަން ކުރިއަސް އެކަން ރޫޅާލާނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެގެން ވެސް މަސައްކަތް ކުރީ ރައްޔިތުންނަށް އުނދަގޫ ނުވާ ގޮަތަށް ކަމަށެވެ. ރައީސް ވިދާޅުވީ، ރައްޔިތުން ބޭނުން ވަނީ ރައްޔިތުންގެ މަސްލަހަތު ގެއްލިގެންދާ ކަންކަމުގައި އަދި ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާ ކަންކަމުގައި އިހުތިޖާޖު ކުރަން ކަމަށެވެ.

މިއަދުގެ ޖަލްސާގައި ރައީސް ޔާމީން ވަނީ އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާތަކެއް ރައްދުކޮށްފަ އެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތަކުގައި މުޒާހަރާކޮށް އިހުތިޖާޖު ކުރާއިރު ބައެއް ކަންކަމުގައި މުޒާހަރާ ކުރަން އިދިކޮޅު ފަރާތްތަކުން ޖެހިލުންވާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

"ކީއްވެގެންތޯ ވަކާލާތު ކުރަން ދަތިވެގެން މިދަނީ މުޅި ދިވެހިރާއްޖޭގެ މިތިބީ ހައްދު ފަހަނަ އަޅާފައި ތިބި އިސްލާމުންނޭ ކިޔާފައި އަދި އިސްލާމުން މިދަނީ ދުނިޔޭގެ އެންމެ ނުރައްކާތެރި ތަންތަނަށް، މިބުނާ ކަހަލަ ޖިހާދަށް މުޅި ދުނިޔެ އެކަމާ ދެކޮޅަށް ވަކާލާތު ކުރާއިރު ކީއްވެގެންތޯ މިކަމާ ދެކޮޅަށް އިހުތިޖާޖު ކުރަން ނުކުރިގެން މިއުޅެނީ. އިހުތިޖާޖު ކުރަން ހޭނިފައި ތިބި ބަޔަކު މިކަމާ ދެކޮޅަށް ވެސް އިހުތިޖާޖު ކުރަންވީ ނޫންތޯ. ދީނީ ބޭފުޅުންނަށް ވެސް އަޅުގަނޑު ގޮވާލަން ބޭނުންވޭ އަޅުގަނޑުމެންގެ ތެރޭގައި ޖިހާދަކީ ކިހިނެއް އައިސް އޮންނަ ކަމެއްތޯ އޮޅުން ފިލުވައި ދެއްވާފައި. މިކުރަންދާ ޖިހާދަކީ ކިހާ ވަރަކަށް ހިތްވަރު ދެއްވާ ކަމެއްތޯ ނޫނީ ހިތްވަރު ނުދެއްވާ ކަމެއްތޯ އަޅުގަނޑުމެންނަށް ވިދާޅުވެދެއްވަން ވީނޫންތޯ،" ރައީސް ޔާމީން ވިދާޅުވި އެވެ.