03 May 2016, 14:55
ކޮންމެ އަހަރެއްގެ މޭ މަހުގެ ތިން ވަނަ ދުވަހު ފާހަގަ ކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހަކީ ކޮބައިހެއްޔެވެ؟
ޔުނައިޓެޑް ނޭޝަންސް (ޔޫއެން)އިން އިސްނަގައިގެން 1993ގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް އެންމެ ފުރަތަމަ ފާހަގަ ކުރީ، ޑިކްލަރޭޝަން އޮފް ވިންޑްހުކް ކިޔާ ބަޔާނެއް ވުޖޫދަށް އައިތާ ދެއަހަރުވުން ފާހަގަ ކުރުމުގެ ގޮތުންނެވެ. ވިންޑްހުކް ޑެކްލަރޭޝަނަކީ "ގިނަ ފަރާތްތަކުން ބައިވެރިވާ މިނިވަން ނޫސްވެރިކަމެއް އެފްރިކާގައި ކުރިއެރުވުމަށް" ޔުނެސްކޯއިން އެފްރިކާގެ ގައުމެއްކަމަށްވާ ނަމިބިއާގެ ވެރިރަށް ވިންޑްހުކްގައި ބޭއްވި މަހާސިންތާއެއްގައި އެކުލަވާލާފައިވާ ބަޔާނެކެވެ.
އެބަޔާނުގައި ނޫސްވެރިކަމަކީ އަސާސީ އިންސާނީ ހައްގެއް ކަމަށް ފާހަގަކޮށް، ޑިމޮކްރަޓިކް ނިޒާމެއްގައި ނޫސްވެރިކަމުގެ މުހިއްމުކަން ފާހަގަކޮށްފައިވެ އެވެ. އަދި މުޅި ދުނިޔޭގައި ވެސް ގިނަ ފަރާތްތަކުން ބައިވެރިވާ މިނިވަން ނޫސްވެރިކަމެއް ކުރިއެރުވުމަށް ގޮވާލާފައިވެ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަލި އަޅުވާލާ ކަންތައްތަކުގެ ތެރޭގައި، ދުނިޔޭގެ އެކި ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ މިންވަރާއި، ނޫސްވެރިންނާއި އެޑިޓަރުންނަށް ހަމަލާ ދީގެންނާއި، ހައްޔަރުކޮށްގެން ކުރާ އަނިޔާތައް ހިމެނެ އެވެ.
މީގެ އިތުރުން، ނޫސްވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ މަސައްކަތްތަށް ކޮށްފައިވާ ނޫސްވެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން ޔުނެސްކޯއިން ކޮންމެ އަހަރަކު އެއް ނޫސްވެރިއަކަށް ގިޔޭމޮ ކާނޯ ޕްރެސް ފްރީޑަމް ޕްރައިޒް ދެ އެވެ. މިއަހަރު އެ އެވޯޑު ހާސިލުކޮށްފައި ވަނީ އަޒަރުބައިޖާނުގެ އިންވެސްޓިގޭޓިވް ޖާނަލިސްޓެއް ކަމަށްވާ ހަދީޖާ އިސްމާއިލޯވާ އެވެ. ރޭޑިއޯ ފްރީ ޔޫރަޕްގެ ބިއުރޯ ޗީފްއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ހަދީޖާގެ މައްޗަށް އަޒަރުބައިޖާނުން ވަނީ ދެފަހަރެއްގެ މަތިން ޖަލު ހުކުމްކޮށްފަ އެވެ. އިންސާނީ ހައްގުތަކާ ބެހޭ ޖަމްއިއްޔާތަކުން ވަނީ ހަދީޖާގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ދައުވާތައް ކަމަށް ބުނެފަ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ޔުނެސްކޯއިން މިއަހަރު ފާހަގަ ކުރަން ނިންމާފައި ވަނީ ފިންލެންޑުގަ އެވެ.