މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާއެކު 12 މީހަކާއި ކުޑަކުއްޖަކު ހައްޔަރު ކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ، 40 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ތިން ފިރިހެނުންނާއި 22 އަހަރުގެ ތިން ފިރިހެނުންގެ އިތުރުން 21 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ދެ ފިރިހެނުންނާއި 18 އަހަރުގެ ފިރިހެނެއްގެ އިތުރުން 17 އަހަރުގެ ކުޑަކުއްޖެއް ކަމަށް ފުލުހުން ބުނެ އެވެ.

އަދި އެ ހުރިހާ މީހުންނަކީވެސް ދިވެހިން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، ތަކުރާރުކޮށް ކުށުގެ އަމަލު ހިންގާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން ބަަލައި ފާސްކޮށްފައިވަނީ ހ. ފިނިމާގެ އާއި ގ. މެޑޯގެ އާގެ ކަމަށެވެ.

އެގޮތުން އެ ދެ ގެ ބަލައި ފާސް ކުރިއިރު، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ނުވަ ފުޅި ބަނގުރާ އަދި މަސްތުވާތަކެތި ބަންދު ކުރަން ބޭނުންވާ ތަކެއްޗާއި ވަޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފޮޓޯ: ޕޮލިސް ---

ހަމައެއާއެކު، މާރާމާރީ ހިންގަން ބޭނުންކުރާ ބައެއް ތަކެއްޗާއި އިސްލާމްދީން ނޫން އެހެން ބައެއް ދީންތަކުގެ ލިޔެކިޔުންތައްވެސް އެ ދެ ގެއިން ފުލުހުންނަށް ފެނިފައވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، އެ މައްސަލަ ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުން އިތުރަށް ތަޙްޤީޤު ކުރަމުން އަންނަ ކަމަށެވެ.