03 May 2016, 14:03
ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭގޮތުން ބޭރުގެ ފަރާތްތަކުން ވާހަކަ ދައްކަމުން އައި ބަސްމަގު މަޑުމަޑުން ބަދަލު ވަމުން ދާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފޮރިން މިނސިްޓަރު ދުންޔާ ވިދާޅުވީ، ރާއްޖޭގައި ޑިޕްލޮމެޓިކް މިޝަންތައް ނުހުންނަ ގިނަ ގައުމުތަކެއްގެ މިޝަންތައް ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ކަމަށާއި، އެބޭފުޅުންނާ ހަމައަށް، ރާއްޖެއާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ގިނަ މައުލޫމާތުތަކެއް ވަރަށް ހަލުއިކޮށް ފޯރާ ކަމަށެވެ.
މީގެ ކުރިން މިނިސްޓަރު އެމެރިކާގެ ވެބްސައިޓަކަށް ލިޔުއްވި މަޒުމޫނެއްގައި އެކަމަނާ ވަނީ، ބޭރުގެ ގިނަ ގައުމުތަކަށް ނުބައި މައުލޫމާތުތައް ފޯރަނީ، ރާއްޖޭގައި އެގައުމުތަކުގެ ސަފާރާތައް ނުހުންނާތީ ކަމަށް ވިދާޅުވެ، ރަނގަޅު ތެދު މައުލޫމާތު ހޯދެއްވުމަށް ރާއްޖެ ވަޑައިގަތުމަށް ބޭރުގެ ބޭފުޅުންނަށް ދައުވަތު ވެސް ދެއްވައިފަ އެވެ.

އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސްވަޔާ ފޮރިން މިނިސްޓަރު ދުންޔާ އާ އެކު ----
ދުންޔާ ވިދާޅުވީ، އެކަމަނާ ވެސް ދާދި ފަހުން އިނގިރޭސި ވިލާތަށް ވަޑައިގެން، އެގައުމުގެ ކޮމަންވެލްތު އަދި ފޮރިން އޮފީހުގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސްވަޔާއާ ބައްދަލުކުރައްވައި، ރާއްޖޭގެ ކަންކަމާ ބެހޭ ސައްހަ މައުލޫމާތުތައް ހިއްސާ ކުރެއްވި ކަމަށެވެ.
އަދި މިހާރު އެބޭފުޅުން ރާއްޖެއާ މެދު ވާހަކަ ދައްކަވާ ބަސްމަގު ވެސް މަޑު މަޑުން ބަދަލުވަމުން އަންނަ ކަމަށް ދުންޔާ ވިދާޅުވި އެވެ.
"ދާދި ފަހުން އެގައުމުގެ ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ސްވަޔާ ވިދާޅުވެފައި އޮންނަނީ، އަޅުގަނޑުމެން [ރާއްޖެއިން] ކުރިޔަށް ގެންދަން ބޭނުންވާ ރިފޯމުތަކަށް އެހީތެރިކަން ދެއްވާނަމޭ. ކުދިކުދި ތަފާތު އެބަ ފެނޭ ދެއްތޯ އެބޭފުޅުންގެ ލެންގުއޭޖްގައި،" ދުންޔާ ވިދާޅުވި އެވެ.
މީގެ ކުރިން ހޫގޯ ސްވަޔާ ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީޢަތާ ގުޅިގެންނާއި، ރާއްޖޭގެ ބައެއް އެހެން ކަންކަމަށް ވަރަށް ފާޑުގައި ފާޅު ވިދާޅުވެފަ އެވެ.
ދުންޔާ ވިދާޅުވީ، އެގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތަކެއް ރާއްޖޭގައި ކައިރި މުސްތަގުބަލެއްގައި ހުޅުވުމަކީ އެހާ ފަސޭހަ ކަމަކަށް ނުވި ނަމަވެސް، އެބޭފުޅުންގެ ސަފީރުން ރާއްޖެ ވަޑައިގެން، ސަރުކާރާ މަޝްވަރާ ކުރައްވައި، ސައްހަ މައުލޫމާތުތައް ހޯއްދެވުމަކީ ސަރުކާރުން އެދޭ ކަމެއް ކަމަށެވެ.