09 May 2011, 13:14
ރޭ އާޓިފިޝަލް ބީޗްގައި އެމްޑީޕީން ބޭއްވި ޖަލްސާ ދޫކުރައްވައި ވަޑައިގެންނެވީ ޕާޓީ އާއި ޕާޓީގެ އިސް ވެރިންނާމެދު ހިތްހަމަ ނުޖެހިގެން ނޫން ކަމަށް އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ޗައިނާގައި ހުންނަވައިގެން މޫސަ ސަން އަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ "އެމްޑީޕީއާ ވަކިވުމަކީ އޭނާގެ ހިތް ނަގައި އެއްލައިލުން" ކަމަށާއި "އެފަދަ ކަމެއް ނުކުރެއްވޭނެ" ކަމަށެވެ.
"އަޅުގަނޑު ރޭ ޖަލްސާއާ ވަކިވީ ޗައިނާ އަށް ފުރަން އޮތުމުން އެއާޕޯޓަށް ގަޑިއަށް ދިއުމަށް، އެކަން ޕާޓީއަށް އެނގޭނެ. މިވަގުތު އަޅުގަނޑު މިހުރީ ޗައިނާގައި، މި ދަތުރަކީ ސަރުކާގެ ދަތުރެއް، ސަރުކާރު ހިންގަނީ އެމްޑީޕީން ކަމަށްވާތީ މި ދަތުރުގައި އަޅުގަނޑު ބައިވެރިވީ އެމްޑީޕީގެ ފަރާތުން،" މޫސަ ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި މޫސަ ދެއްކެވި ވާހަފުޅުތަކަށް އިޝާރާތް ކުރައްވައި ވިދާޅުވީ އެއީ ޕާޓީ އާއި ސަރުކާރު ދެކެ ރުޅި އައިސް ހިތްހަމެނުޖެހިގެން ދެއްކެވި ވާކަތަކެއް ނޫން ކަމަށާއި ނަމަވެސް "އެ ހަބަރު ސަން އިން ރިޕޯޓްކޮށްފައި އޮތީ ތެދަށް ކަމަށާއި، ޖަލްސާގައި އެވާހަކަތައް ރޭ ދެއްކީ ރައްޔިތުންނަށް އިންސާފު ނުލިބިދާތީ،" ކަމަށެވެ.
"އަޅުގަނޑު އަބަދުވެސް ގޮވާލަނީ އިންސާފަށް، އަދުލުވެރި ކަމަށް، ރައްޔިތުންގެ ފައިދާއަށް ލާބައަށް، އެކަންކަން ނުވެދާތީ އަޅުގަނޑު ވާހަކަ ދައްކަނީ، އެކަމަކާ ޕާޓީއަކާ ގުޅުމެއް ނެތް، އަޅުގަނޑާ ޕާޓީއަކާ އެއްވެސް މައްސަލައެއް ނެތް، ނުވެސް ޖެހޭނެ. އަޅުގަނޑާ ރައީސަކާ ވެސް އެއްވެސް މައްސަލައެއް ނެތް، ނުވެސް ޖެހޭނެ،" މޫސަ ވިދާޅުވި އެވެ.
މޫސަ އަދި ވިދާޅުވީ ޗައިނާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން އިންސާފު ހޯދުމަށްޓަކައި އާ މަސައްކަތްތަކެއްގެ ސިލްސިލާއެއް ފައްޓަވާނެ ކަމަށާއި އެގޮތުން ކުރީގެ ރައީސް މައުމޫނު ހައްޔަރު ކުރުމަށް ގޮވާލައި ދިގު ދެމިގެންދާ ސިލްސާ މުޒާހަރާތަކެއް ފައްޓަވާނެ ކަމަށެވެ.
"އެއީ ދިގު ދެމިގެންދާނެ މުޒާހަރާއެއް، މައުމޫން ހައްޔަރު ކުރުމަށް ގޮވައިލާ ސިލްސިލާކޮށް އެކަން ކުރިޔަށް ގެންދާނަން،" މޫސަ ވިދާޅުވި އެވެ.