ސްޓާބަކްސް އިން އުފައްދައިގެން ވިއްކާ ފިނިބުއިންތަކަށް މާގިނައިން އައިސް އަޅައިގެން ވިއްކާތީ ބަދަލެއްގެ ގޮތުން ފަސް މިލިއަން ޑޮލަރު ހޯދުމަށް އެމެރިކާގެ ޗިކާގޯގައި ދިރިއުޅޭ ސްޓާބަކްސްގެ ކަސްޓަމަރަކު ދައުވާކޮށްފި އެވެ.

ސްޓެސީ ޕިންކަސް ނަމަކަށް ކިޔާ އެމީހާ ސްޓާބަސްކްއާ ދެކޮޅަށް ކުރި ދައުވާގައި ބުނެފައި ވަނީ އެކުންފުނިން އިޝްތިހާރުކުރާ ބުއިންތަކަށްވުރެ ވިއްކާ ބުއިންތަކަށް މާގިނައި އައިސް އަޅާފައި ހުންނަ ކަމަށެވެ.

އެމީހުން އިޝްތިހާރުކުރާވަރުގެ ބުއިން ހުންނަ ކަޕެއްގެ ދެބައިކޮށްފަ އެއްބައި ހަމަކުރަނީ ހަމައެކަނި އައިސް އަޅައިގެން ކަމަށް ދައުވާގައި ބުނެ އެވެ. އެގޮތުން 24 އައުންސް ހުންނަ ވަރުގެ ބުއިމެއްނަމަ އެބުމުގެ 14 އައުންސަކީ އައިސް ކަމަށްވެސް ވަނީ ބުނެފަ އެވެ.

ސްޓެސީ ޕިންކަސްގެ އެދައުވާއާ ގުޅިގެން ސްޓާބަކްސްގެ ތަރުޖަމާނު ޖެމީ ރިލޭ ވިދާޅުވީ ފިނި ބުއިންތަކަށް އޭގެ އެންމެ އެކަށީގެންވާ ރަހަ ލިބެނީ އައިސް އެޅުމުނަ ކަމަށާއި، އަދި އައިސް މާ ގިނަކަމަށް ކަސްޓަމަރު ބުނެފި ނަމަ އަލުން އެ ބުއިމެއް ހަދައިދިނުމުގެ ހިދުމަތް ވެސް ސްޓާބަކްސް އިން ދޭ ކަމަށެވެ.

މީގެ އެތައްއަހަރެއް ކުރިން 1992 ވަނަ އަހަރު މެކް ޑޮނަލަޑްސްގެ ކަސްޓަމަރަކު ވަނީ އެކުންފުނިން މާ ހޫނު ކޮފީއެއް ވިއްކައިގެން ދައުވާކޮށްފަ އެވެ. އެ މައްސަލަ ނިންމައި ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މެކްޑޮނަލްޑުން އެފަހަރު ވިއްކި ކޮވީ ބޭނުން ނުވާވަރަށް ހޫނުކޮށްފައިހުރި ކަމަށެވެ.