ހައި އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏެއްގެ ފައިސާތަކެއް ބޭންކަށް ޖަމާކުރަން ދަނިކޮށް، ވަޅިން ބިރުދެއްކުމަށްފަހު އެ ފައިސާތައް ފޭރިގަތް ތިން މީހުން ހޯދަން ފޮޓޯއާއެކު އިއުލާންކޮށްފި އެވެ.

މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ހިނގި އެ ހާދިސާއާ ގުޅިގެން ފުލުހުން ހޯދަމުންދަނީ، ގއ. ކޮލަމާފުށި، ނިވައިދަށުގެ، އުމުރުން 19 އަހަރުގެ ޢަލީ ރަފާހް ރިޔާޟް އާއި ސ. ހިތަދޫ، ޑިސެމްބަރު، އުމުރުން 21 އަހަރުގެ ހުސައިން ޝާނީޒް އަދި ލ. ގަން/ތުނޑި، ކީމިޔާގެ، އުމުރުން 20 އަހަރުގެ ހަސަން ރާޝިދު އެވެ.

ފުލުހުން ބުނީ، އެމީހުންނަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ތޫނު އެއްޗަކުން ބިރުދައްކައިގެން ފޭރުނު މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ އެމީހުން އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ހޯދައި ނުފެނިފައިވާ ބައެއް ކަމަށެވެ.

ހައި އިންވެސްޓްމަންޓްގެ ފައިސާތައް ފޭރިގަނެގެން ދިޔައީ އެ ކުންފުނީގެ މުވައްޒަފަކު ބެކްޕެކަކަށް ފައިސާތައް އަޅައިގެން ބީއެމްއެލް މަޖީދީމަގު ބްރާންޗަށް ޖަމާކުރަން ދިޔަ މަގުމަތީގައި، ދެ ސައިކަލެއްގައި އައި ގްރޫޕަކުން ނެވެ.

ފޭރިގަނެގެން ދިޔަ ބެކްޕެކުގައި ހަތަރު ލައްކަ ރުފިޔާ އާއި 5000 ޑޮލަރު ހުންނާނެ ކަމަށް އެ ކުންފުނީގެ ފަރާތުން ވާހަކަދެއްކި މީހަކު 'ސަން' އަށް މައުލޫމާތު ދީފައިވެ އެވެ.

ފުލުހުން ބުނީ، އެ ތިން މީހުންނާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މައުލޫމާތެއް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 ނުވަތަ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.