ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދަނީ ނޫސްވެރިންނަށް ބިރުދައްކައި ގޮންޖެހުންތަކާ ކުރިމަތި ކުރުވަމުން ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނޫސްވެރިކަމުގެ ދުވަހު ސަރުކާރުން ނޫސްވެރިންނާ ބައްދަލުކޮށްފައި ވަނީ "ހަންމުއްޓަކާ އެކު" ކަމަށެވެ. އަދި ރައީސް ޔާމީންގެ ކޮންމެ ތަގުރީރެއްގައި ނޫސްވެރިންނަށް "ނަފުރަތުކުރައްވައި ކުޑަގޮޅީގެ އިންޒާރު" ދެއްވާތީ ކަންބޮޑުވާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"މިސަރުކާރު އައިފަހުން ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް ކުރިއެރުމެއް ލިބުމުގެ ބަދަލުގައި ނޫސްވެރިންނަށް ހައްތަހާ ވެސް ކުރިމަތިކޮށްފައި ވަނީ ބިރުވެރިކަމާއި ގޮންޖެހުންތައް،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިހާތަނަށް ނޫސްވެރިކަމަށް ދިމާވެފައިވާ ބޮޑެތި ކަންކަމުގެ ވާހަކަ ފާހަގަކޮށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ އެކަންކަން ހައްލުނުވަނީ ސަރުކާރުން އެގޮތަށް ބޭނުންނުވާތީ ކަމަށެވެ. އަދި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލާގައި ވެސް އެކަށީގެންވާ ފިޔަވަޅެއް ސަރުކާރުން އަޅާފައިނުވާ ކަމަށާއި ރާއްޖެ ޓީވީގައި ރޯކޮށްލި މައްސަލާގައި ވެސް މިހާތަނަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ.

ނޫސްވެރިޔާ އިބްރާހިމް ވަހީދު (އަސްވާޑު) އަށް ދިންހަމަލާއާއި ނޫސްވެރިންތަކެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމާއި ހަވީރު އޮންލައިން ބަންދުކޮށް އެތަނުގައި ހުޅުޖެހި މައްސަލަ އަދި ނޫސްވެރިންތަކެއްގެ ގަޔަށް މުޒާހަރާއެއްގެ ތެރެއިން ޕެޕާސްޕްރޭ ޖެހި މައްސަލާގައި ވެސް ސަރުކާރުން އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ.

"މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން ރާއްޖެ ޓީވީ އަށާއި ސަންގު ޓީވީއަށް ގާނޫނާ ކަނޑައެޅިގެން ޚިލާފު އެކިއެކި އަމުރުތައްކޮށް ބްރޯޑްކާސްޓްކުރުމުގެ މިނިވަންކަމަށް ތަކުރާރުކޮށް އަރައިގަންނަމުންދާކަން ވެސް ކަންބޮޑުވުމާ އެކު ފާހަގަކުރަން،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ދަށަށް ވެއްޓެމުން ގޮސް މިހާރު 2008 ވަނަ އަހަރުގެ ކުރިން އޮތް ދަރަޖައާ ގާތަށް ދަށަށް ވެއްޓިފައިވާކަން ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ފާހަގަކޮށްފައިވާ ކަމަށް އެމްޑީޕީ އިން ބުންޏެވެ.