03 May 2016, 13:54
އޮންލައިންކޮށް ހައްޖާއި އުމްރާއަށް ފައިސާދެއްކޭނެ ނިޒާމެއް ގާއިމްކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް ވިދާޅުވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އެމްޑީ ޔާމީން ވިދާޅުވީ، އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތުގެ 90 ޕަސެންޓް ނިމިފައިވާ ކަމަށާއި މިމަހުގެ ތެރޭގައި އެ ހިދުމަތް ލޯންޗުކުރާނެ ކަމަށެވެ.
ހައްޖު ކޯޕަރޭޝަނުން ގާއިމްކުރާ އޮންލައިންގެ ހިދުމަތާއެކު ހައްޖާއި އުމްރާއަށް ފައިސާ ދެއްކުމުގެ އިތުރުން ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތަކަށް އޮންލައިންކޮށް ރަޖިސްޓްރީކުރުމުގެ ހިދުމަތްވެސް ލިބޭނެ އެވެ.
ޔާމީން އިދްރީސް ވިދާޅުވީ، އެ ހިދުމަތް ތައާރަފްކުރުމުގެ އެންމެ މައިގަނޑު މަގްސަދަކީ އަތޮޅުތެރޭގައި ތިއްބަވާ ރައްޔިތުންގެ އިތުރުން ރާއްޖޭން ބޭރުގައި ތިއްބަވާ ދިވެހި ރައްޔިތުންނަށް ވެސް ލުއި ފަސޭހަކަމާއެކު އެ ކުންފުނީގެ ހިދުމަތްތައް ލިބުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުން ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނި، ހައްޖު ކޯޕަރޭޝަނުން އަންނަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ އިސްލާމިކް ބޭންކުގެ ބްރާންޗް ތަކުން އެކުންފުނީގެ ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ވެސް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެ ހިދުމަތް ވެސް މިމަހުގެ ތެރޭގައި ފައްޓަވާނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޔާމީން އިދްރީސް ވިދާޅުވި އެވެ.