03 May 2016, 13:01
ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ފޮރިން މިނިސްޓަރު އަބްދުﷲ ބިން ޒައިދް އަލް ނަހްޔާން މާދަމާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކޮށްފި އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ، ޔޫއޭއީގެ ފޮރިން މިނިސްޓަރު މާދަމާ ރޭ ރާއްޖެ ވަޑައިގަންނަވަނީ ރާއްޖޭގެ ދައުވަތަކަށް ކަމަށެވެ.
ފޮރިން މިނިސްޓަރު ދުންޔާ މައުމޫން -- ސަން ފޮޓޯ/ފަޔާޒް މޫސާ
މިނިސްޓަރ ދުންޔާ ވިދާޅުވީ، މި އަހަރުގެ ފެބްރުއަރީ މަހު އެކަމަނާ ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި ވެސް، އެގައުމުގެ ފޮރިން މިނިސްޓަރު އަބްދުﷲ ބިން ޒައިދު އަލް ނަހްޔާނާ ބައްދަލުކުރައްވައި، މަޝްވަރާތަކެއް ކުރިޔަށް ގެންދެއްވި ކަމަށެވެ. އަދި އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މަޝްވަރާތައް އިތުރަށް ކުރިޔަށް ގެންދަވާނެ ކަމަށް ދުންޔާ ވިދާޅުވި އެވެ.
"އިތުރު މަޝްވަރާތަކަށް މިހާރު އެބޭފުޅާ ވަޑައިގަންނަވަނީ. ޔޫއޭއީއަކީ ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ގައުމެއް. ރާއްޖެއަށް އައިސްފައިވާ ތަރައްގީއަށް އެހީތެރިވެދީފައިވާ ގައުމެއް. އަޅުގަނޑުމެންގެ އުންމީދަކީ އިތުރު ދާއިރާތަކުން ވެސް އަޅުގަނޑުމެންނަށް އެހީތެރިކަން ލިބިގެން ދިއުން،" ދުންޔާ ވިދާޅުވި އެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓަރު އަބްދުﷲ ބިން ޒައިދު އަލް ނަހްޔާނަކީ، ޔޫއޭއީ އުފެއްދުމުގައި އެންމެ ބޮޑު މަސައްކަތް ކުރެއްވި އެގައުމުގެ ފުރަތަމަ ރައީސް، އަދި އަބޫ ދާބީގެ ކުރީގެ އަމީރު ޒައިދު ބިން ސުލްތާން އަލް ނަހްޔާންގެ ދަރިކަލުންނެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ބިން ޒައިދު އެމަގާމާ ހަވާލުވެވަޑައިގެންނެވީ 2006 ވަނަ އަހަރު އެވެ. އޭގެ ކުރިން އެމަނިކުފާނު ވަނީ ޔޫއޭއީގެ އިންފޮމޭޝަން އެންޑް ކަލްޗަރާ ބެހޭ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.