މަސްވެރިންނަށް ނަފާ އިތުރުވާނޭގޮތް ހަދައިދީ މަސްވެރިންގެ ހިދުމަތުގައި ފަހަތަށްނުޖެހި ކުރިއަށްދާނެކަމުގެ ފުރިހަމަ ޔަގީންކަން ރާއްޖޭގެ ހުރިހާ މަސްވެރިންނަށް އަރުވާކަމަށް މިފްކޯއިން ބުނެފި އެވެ.

މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިން އަތުން މަސްގަތުމާއި މަސްވެރިންނަށް ޑީސަލާއި އައިސް ވިއްކުމުގައި މިފްކޯއިން އަބަދުވެސް ގެންގުޅެނީ މަސްވެރިންނަށް ހިތްވަރުދީ ދެފަރާތުގެ ގުޅުން ވަރުގަދަކޮށް ދެމެހެއްޓުމުގެ އުސޫލެއް ކަމަށެވެ. އަދި ހަމަހަމަގޮތެއްގައި ރާއްޖޭގެ އެންމެހާ މަސްވެރިންނަށްވެސް މަސްވެރިކަން ކުރުމަށް ފަސޭހަ މާހައުލެއް ގާއިމްކުރޭނެފަދަ އުސޫލެއް ކަމަށެވެ.

އެގޮތުން މަސްވެރިކަން ދަށްވެ، މަސްވެރިންނަށް ފައިސާގެގޮތުން ދަތި ދުވަސްވަރު މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރުދިނުމުގެ ގޮތުން ހިލޭ އައިސް ދޫކުރުމާއި ޑީސަލާއި ވިއްކާ އައިހުގެ އަގު ހެޔޮކުރުން ފަދަ ކަންކަން ކުރަމުން އަންނަ ކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯއިން ބުނީ މަސްވެރިންނަށް އެކުންފުނިން ވިއްކާ ޑީސަލާއި އައިހުގެ އަގުތަކަށް ގެނެވޭ ހެޔޮބަދަލުތައް ގެންނަނީ އެކި ދުވަސްވަރު އެކި ހާލަތްތަކާ ގުޅިގެން ކަމަށެވެ. އޭގެތެރެއިން މަސްވެރިކަން ދަށަށް ދިއުމުގެ ސަބަބުން މަސްވެރިންނަށް ވިއްކާ އައިހުގެ އަގު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މިއަހަރު ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކުރިން އައިސް ވިއްކަމުން އައި އަގަށްވުރެ 310 ރުފިޔާ ހެޔޮކޮށްފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

އޭގެއިތުރުން އެސްޓީއޯގެ ދީލަތި އެހީއާއި އެއްބާރުލުމާ އެކު، މަސްވެރިންނަށް ވިއްކާ ޑީސަލްވެސް މިއަހަރު މާރިޗްމަހުގެ 23 ވަނަ ދުވަހުން ފެށިގެން 7.30 ރުފިޔާ އަށް ކުޑަކޮށްފައިވާ ކަމަށާއި އެއީ ކުރިން ވިއްކި އަގަށްވުރެ 3.20 ރުފިޔާ ހެޔޮ އަގެއްކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ތާއަބަދު ވެއްޓެމުންދާ އިރުވެސް އެ ކުންފުނީގެ އެހެނިހެން ހަރަދުތައް ކުޑަކޮށް، އެފައިދާ މަސްވެރިންނަށް ލިބިދޭނެހެން މަސްވެރިންގެ އަތުން މަސްގަންނަ އަގު އެއްވަރެއްގައި ހިފަހަށްޓައި ހަމައަގު މަސްވެރިންނަށް ދިނުމުގައި ދިވެހި ސަރުކާރާ ގުޅިގެން ސަރުކާރުގެ އެއްބާރުލުމާ އެކު ސާބިތުވެ އަބަދުވެސް ފަހުރުވެރިކަމާއެކު ކުރިއަށް ދާނޭކަމަށް އެ ކުންފުނީގެ ބަޔާނުގައިވެ އެވެ.