މޯލްޑިވިއަން އައިޑަލްގެ ނަތީޖާ ފާޅުކޮށްފައި ވަނީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ކަމަށާއި އެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް އެ މުބާރާތުން ދެވަނަ ލިބުނު ޝަލަބީ އިބްރާހިމްގެ ޓީމުން ބުނެފި އެވެ.

ޝަލަބީ ޓީމްގެ މެމްބަރަކު ރޭ "ސަން" އާ ވާހަކަ ދައްކަމުން ބުނީ، މޯލްޑިވިއަން އައިޑަލްގެ ޝޯވްގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ހުރި ކަމަށާއި ޕީއެސްއެމްއާ އެކު ހަދާފައިވާ ކޮންޓްރެކްޓަށް އިހުތިރާމް ނުކުރާނެ ކަމަށެވެ. އަދި އެ ކޮންޓްރެކްޓް އުވާލުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް ޝަލަބީ ޓީމްގެ މެމްބަރު ބުންޏެވެ.

"އެމީހުންގެ ކޮރަޕްޝަން ބޮޑުވެފައި މީތި ގަނެވޭ ގޮތަށް އޮންނަންޏާ ޕީއެސްއާ އެކު ކުރިއަށް ނުދިއުންދޯ ރަނގަޅު ވާނީ. ކޮންޓްރެކްޓަކަށް އިހުތިރާމް ނުކުރާނަން. ޕީއެސްއެމް އިން ވެސް ކޮންޓްރެކްޓާ އެއްގޮތަކަށް ނޫން މީތި ގެންނަނީކީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ، މޯލްޑިވިއަން އައިޑަލް އަކަށް ލައިޝާ ޖުނައިދު ހޮވިފައިވާކަން އިއްޔެ ހަވީރު ފަހެއް ޖެހި އިރު އެނގިފައިވާ ކަމަށެވެ.

"ފަހެއް ޖެހި އިރު މި އެއްޗެހި އެނގިފައި އޮތީ، އެ ތިން ބައިވެރިންނަށް ވެސް އިއުލާނު ކުރުމުގެ ކުރިން އެނގިފައި އޮތީ،" ޓީމް މެމްބަރު ބުންޏެވެ.

އޭނާ ބުނީ، ޕީއެސްއެމް އިން ކުރިއަށް ގެންދާ އެއްވެސް ހަރަކާތެއްގައި ޝަލަބީ ބައިވެރި ނުވާނެ ކަމަށެވެ. އަދި އެ ކޮންޓްރެކްޓަށް އަމަލު ނުކޮށްގެން ޖޫރުމަނާއެއް ދައްކަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް ޝަލަބީ ޓީމްގެ މެމްބަރު ބުންޏެވެ.

"އޭގެ މާ ބޮޑު ކަމަކަށް އިންނާނީ އެ ބައިވެރިއަކު ހަދާ ރަސްމީ ކޮންޓްރެޓުގެ 30 ޕަސެންޓު ޕީއެސްއެމް އަށް ދޭން ޖެހުން. މިސާލަކަށް ޝަލަބީ އަމިއްލަ ޕާފޯމަންސް އޭގެ ތެރޭގައި ނުހިމެނޭނެ، އެ 30 ޕަސެންޓު މުހިއްމެއް ނޫން" އޭނާ ބުންޏެވެ.

އޭނާ ބުނީ، ޝޯވް އަށް ލިބުނު ވޯޓުގެ ނުރަސްމީ ނަތީޖާއެއް ވެސް ލީކުވެގެން އުޅޭ ކަމަށާއި އޭގެއިން ޝަލަބީ އަށް 85000 ވޯޓު ލިބުނު ކަމަށް ބުނާ ކަމަށެވެ.

"ޝަލަބީ އަށް 85،000 ވޯޓު، ލައި އަށް 90،000، އޭގައި ބުނަނީ އެހާކަންހާ ވަރަށް. އޭގެ މާނަ އަކީ ގާތްގަނޑަކަށް 1600 މީހުންނޭ ޝަލަބީ އަށް ވޯޓު ލީ،" މެމްބަރު ބުންޏެވެ.

އޭނާ ބުނީ، ލީކު ވެގެން އުޅޭ ނުރަސްމީ ނަތީޖާ އަކީ ސައްހަ އެއްޗަކަށް ވެއްޖެ ނަމަ، އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

ހަމައެއާ އެކު، ޝޯވްގެ ކަންކަން ހިނގައި ދިޔަ ގޮތް ފްރިމެންޓަލް މިޑިއާއާ ހިއްސާ ކުރަންވެސް ނިންމާފައިވާ ކަމަށް ޝަލަބީ ޓީމް ގެ މެމްބަރު ބުންޏެވެ.

ޕީއެސްއެމް އާއެކު ހަދާފައިވާ އެގްރީމެންޓަށް ޝަލަބީ ޓީމުން އިހުތިރާމް ނުކުރަން ނިންމާފައިވާ އިރު އެކަމާ ގުޅޭ ގޮތުން ބަހެއް ހޯދުމަށް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގު ޑިރެކްޓަރު އައިޝަތު ޝާޔަން ސައީދު އާ ގުޅުމަށް "ސަން" އިން މަސައްކަތް ކުރި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެކަމާ ބެހޭ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.