03 May 2016, 11:57
ނޫސްވެރިންނަށް ކަރާމާތް ލިބެން ބޭނުންވާ ފަދައިން ނޫސްވެރިންނަކީ އެހެން މީހުންނަށް ކަރާމާތް ދޭން ތައްޔާރަށް ތިބި ބަޔަކަށް ވާންޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ދ. މީދޫ ބިން ހިއްކައި ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ނޫސްވެރިކަމަކީ ޒިންމާދާރުކަމާ އެކު ކުރަން ޖެހޭ ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ ނޫސްވެރިކަމުގެ އެއްވެސް ހައްގަކަށް ދިވެހި ސަރުކާރަކުން އުނިކަމެއް ގެނެސްފައި ނުވާނެ ކަމަށެވެ. ނަމަވެސް މީހުންގެ އަބުރާ ބެހުމަކީ ނޫސްވެރިންނަށް ވެސް އަދި އެހެން ފަރާތްތަކަށް ވެސް ކުރެވިގެން ވާނެ ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފަ އެވެ.
"ނޫސްވެރިކަމުގެ ތެރޭގައި ހަމައެކަނި ކުރެވުނު ކަމަކީ މީހުންގެ އަބުރާ ބެހުން، އަބުރާ ބެހެވޭ ފަރާތްތަކަށް މައްސަލަތައް ރައްދުވާ ފަރާތްތަކަށް އެމީހުންގެ ދިފާއުގައި ބަހެއް ބުނުމުގެ ފުރުސަތެއް ނުލިބި އަދި އެކަން އޮތީ ކިހިނެއްތޯ ބަލައިލާ އަހާލާ ފުރުސަތެއް ނެތި އެ ވާހަކަތައް ހިތު ހުރި ގޮތަކަށް ޖަހާ ޖެހުން، ނޫސްތަކުގައި ޖެހުން ވެސް އޮންލައިން ސައިޓްތަކުގައި ޖެހުން ވެސް އަދި ޓީވީ ނޫނީ ހަބަރު ފަތުރާ ވަސީލަތްތަކުން ގެނައުމަކީ ވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖެ ކަހަލަ ކުޑަ މީސްކޮޅެއް އޮންނަ އަދި އެބައެއްގެ ވިސްނުމުގައި އިސްލާމީ އުސޫލުތަކަށް ތަބާވާން ކަމަށް ގަބޫލު ކުރަން އެކަށަ އަޅައިގެން ތިބި ބައެއްގެ ތެރޭގައި ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ނޫސްވެރިންނަށް ދުވަހުގެ ތަހުނިޔާ ރައްދު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ތަރަހައިގެ ތެރޭގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރިއަށް ގެންދިއުމަށް ނޫސްވެރިނަން އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ދައުލަތުގެ މުއައްސަސާތަކަށް އަދި ހުދު އެމަނިކުފާނާ ގުޅޭ ގޮތުން "އަރި ހުރަހަށް އިރު ހުޅަނގަށް" ލިޔުންތައް ލިޔުނަސް އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވި އެވެ.
"އެހެންނަމަވެސް އެއްވެސް ކަހަލަ ބަލާލުމެއް ނެތި މީހުންގެ އަބުރު ކަތިލުމުގެ މަސައްކަތަކީ ހަމަ ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރު ކަމާއި އެކީގައި ނޫނިއްޔާ ކޮށްގެންވާނެ ކަމެއް ނޫން. އެކަމެއް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަކީ އެކަމުގައި ވަށާފާރު ލެވިފައިވާ ކަމެއްކަން ނޫސްވެރިންގެ ހިޔާލަށް ގެންނަންވާނެ ކަމަށެވެ. އަދި ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ޒިންމާދާރުކަމާއި އެކީގައި ނޫސްވެރިކަން ރައްޔިތުންނާ ހަމައަށް ގެނެސްދިނުން ކަމަށެވެ.