03 May 2016, 12:48
ހައްޖާއި އުމްރާގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ފަށާފައިވާ "މުވައްޒަފުންގެ ސްކީމް" ގައި މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަދި މޯލްޑިވްސް ޕޮލިސް ސާވިސް އިން ބައިވެރިވެއްޖެ އެވެ.
އެމްޑަބްލިއުއެސްސީ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިހާތަނަށް އެ ސްކީމުގައި ބައިވެރިވި ހަތަރު ވަނަ ކުންފުންޏެވެ. މީގެ ކުރިން އެ ސްކީމުގައި އެއާޕޯޓްސް ކޮމްޕެނީ އާއި އެސްޓީއޯ އަދި އެޗްޑީސީ އިން ވަނީ ބައިވެރިވެފައެވެ.
މީގެ އިތުރުން، ފުލުހުންނަކީ ސަރުކާރުގެ އިދާރާތަކުގެ ތެރެއިން މުވައްޒަފުންގެ ސްކީމުގައި މިހާތަނަށް ބައިވެރިވި އެންމެ ގިނަ މުވައްޒަފުން ތިބި އަދި ސްކީމުގައި ބައިވެރިވި ދެވަނަ އިދާރާއެވެ.
ސަރުކާރުގެ އިދާރާތަކުގެ ތެރެއިން އެންމެ ފުރަތަމަ އެ ސްކީމުގައި ބައިވެރިވީ ހޯމް މިނިސްޓްރީންނެވެ.
އެ ސްކީމުގައި ބައިވެރިވުމުގެ ގޮތުން ހައްޖު ކޯޕަރޭޝަނާއެކު އެމްޑަބްލިއުއެސްސީ އިން އެމްއޯޔޫއެއްގައި ސޮއިކޮށްފައިވަނީ މިއަދު ފެން ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީހެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އެވެ.

"މުވައްޒަފުންގެ ސްކީމު"ގައި ބައިވެރިވުމަށް ހައްޖު ކޯޕަރޭޝަނާއެކު އެމްޑަބްލިޔުއުއެސްސީ އިން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްޑަބްލިއުއެސްސީގެ އެމްޑީ ފަޒުލް ވިދާޅުވީ، އެ ސްކީމުގައި ބައިވެރިވުމަށް އެ ކުންފުނިން ނިންމީ މުވައްޒަފުންގެ އެދުމުގެ މަތިން ކަމަށެވެ.
އެމްޑަބްލިޔުއެސްސީ އިން ވަނީ އެ ކުންފުނީގެ ހަރަދުގައި މިއަހަރު ދެ މުވައްޒަފަކު ހައްޖަށް ފޮނުވަން ނިންމާފައެވެ.
މުވައްޒަފުންގެ ސްކީމުގައި ބައިވެރިވުމުގެ ގޮތުން ފުލުހުންނާއި ހައްޖު ކޯޕަރޭޝަނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ، ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ ޔާމީން އިދްރީހެވެ.

"މުވައްޒަފުންގެ ސްކީމު"ގައި ބައިވެރިވުމަށް ހައްޖު ކޯޕަރޭޝަނާއެކު ފުލުހުން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސީޕީ އަހްމަދު އަރީފު ވިދާޅުވީ، ފުލުހުންނަކީ ގައުމީ ބޮޑު ވާޖިބެއް އަދާކުރާ ބަޔަކަށްވާއިރު، ދީނީ ގޮތުން ލިބޭ ކުރިއެރުމަކީ ފާހަގަކޮށްލަންޖެހޭ ކަމެއް ކަމަށާއި މި އެއްބަސްވުމަކީ ފުލުހުން ކުރަމުންދާ މަސައްކަތަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
"މިއަހަރަށް ކަނޑައެޅިފައި ހުރި ޕްރޮގްރާމްތަކުގެ ތެރޭގައި ކޮންމެ ޕްރޮގްރާމެއްގައި ދީނީކަންތައްތަކަށް ސަމާލުކަން ދިނުމަށް ވަނީ ހިމެނިފަ.. މި މުއަސަސާ ކުރިއަށްދާއިރު ދީނީ ގޮތުން ވެސް މުހިއްމު ކަންތައްތަކެއް ހުރިހާ ކުދިންގައިގައި އަށަގެންނެވުމަށްޓަކައި ކަންކަން ކުރަން ބޭނުން،" ސީޕީ ވިދާޅުވި އެވެ.
މުވައްޒަފުންގެ ސްކީމަކީ ވަޒީފާތަކުގައި އުޅޭ މުވައްޒަފުން އެދިގެން ކޮންމެ މަހަކު އެ މުވައްޒަފެއްގެ މުސާރަ އިން، އެ މުވައްޒަފަކު ކަނޑައަޅާ ވަކި ވަރެއް ކަނޑައިގެން ހައްޖަށް ނުވަތަ އުމްރާ އަށް ގެންގޮސްދިނުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ ސްކީމެކެވެ. އަދި ސްކީމުގައި މުވައްޒަފުންގެ އާއިލާގެ މެމްބަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.