03 May 2016, 11:47
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓާ ސްކޫލް ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތް އިއްޔެ ފެށިއިރު ފުރަތަމަ މެޗު ދަރުމަވަންތަ ސްކޫލް އާއި މަޖީދިއްޔާ ސްކޫލް ކާމިޔާބުކޮށްފި އެވެ.
އިއްޔެ ހަވީރު ކުޅިވަރު އެކުވެނީ ބާސްކޭޓް ކޯޓުގައި ފެށި އެ މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން ބައިގެ ފުރަތަމަ މެޗު އިސްކަންދަރު ސުކޫލާ ވާދަކޮށް ދަރުމަވަންތަ ސުކޫލް ކާމިޔާބު ކުރީ 7-6 ޕޮއިންޓުންނެވެ. ދެވަނަ މެޗުގައި ކަލާފާން ސްކޫލް އާއި މަޖީދިއްޔާ ސްކޫލް ބައްދަލުކުރި އިރު އެ މެޗު 8-10 ޕޮއިންޓުން ކުރި ހޯދައިގެން ކާމިޔާބު ކުރީ މަޖީދިއްޔާ ސުކޫލް އެވެ.
އަންހެން އަދި ފިރިހެން ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ބައިވެރިވެފައި ވަނީ 14 އަހަރުން ދަށާއި 16 އަހަރުން ދަށުގެ އުމުރުފުރާއިން 11 ސްކޫލެވެ.
އެ މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ބައިގައި ބައިވެރިވި ހަތް ޓީމަކީ ދަރުމަވަންތަ ސުކޫލް އާއި ގާޒީ ސުކޫލާއި އިމާދުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލާއި ކަލާފާން ސްކޫލާއި މަޖީދިއްޔާ އަދި ތާޖުއްދީން ސްކޫލް އެވެ. އެ އުމުރުފުރާގެ އަންހެން ބައިގައި ބައިވެރިވެފައި ވަނީ އަމީނިއްޔާ ސްކޫލާއި އިމާދުއްދީން އާއި އިސްކަންދަރު އަދި ކަލާފާން ސްކޫލެވެ.
އަދި މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގައި ވާދަކުރާ އަށް ޓީމަކީ ދަރުމަވަންތަ ސްކޫލް އާއި ގާޒީ ސްކޫލާއި އިމާދުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ކަލާފާން ސްކޫލާއި މަޖީދިއްޔާ އަދި ތާޖުއްދީނެވެ. އެ އުމުރުފުރާގެ އަންހެން ބައިގައި ވާދަކުރަނީ އަމީނިއްޔާ ސްކޫލާއި އިމާދުއްދީން އާއި އިސްކަންދަރު އަދި ކަލާފާން ސްކޫލުގެ އިތުރުން ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް އާއި ވިލާ އިންޓަނޭޝަނަލް ސްކޫލް އެވެ.
އެ މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އަންނަ ހޮނިހިރު ދުވަހު ކުޅޭ އިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އާދިއްތަ ދުވަހު އެވެ.