އުތުރު ކޮރެއާގައި ހަފްތާއެއްގެ މުއްދަތަށް ޖަނާޒާތަކާއި ކައިވެނި ހަފްލާތައް ނުބާއްވަން އެގައުމުގެ ލީޑަރު ކިމް ޖޮން އުން ނިންމަވައިފި އެވެ.

ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ސުޕްރީމް ލީޑަރު ކިމް ޖޮން އުން އެގޮތަށް ނިންމެވީ، އެމަނިކުފާނު އިސްކޮށް ހުންނަވާ އަދި ވެރިކަން ކުރާ ސިޔާސީ ޕާޓީ، ވޯކާސް ޕާޓީ އޮފް ކޮރެއާގެ ޕާޓީ ކޮންގްރެސް އޮތުމުން، އެކަމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.

މީގެ އިތުރުން، ކޮންގްރެސް އޮންނަ ހަފްތާގައި ވެރިރަށް ޕިޔޮންގްޔަންގު އަށް ބޭރުވުމާއި އެތެރެވުން މަނާކޮށް، މަގުމަތި ބެލެހެއްޓުމާއި ތަންތަނަށްވަދެ ޗެކްކުރުން އިތުރުކޮށްފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮންމެ ހަތަރު އަހަރަކުން ބާއްވަންޖެހޭ އެ ކޮންގްރެސްގެ މިހާތަނަށް އެޕާޓީން ހަ ފަހަރު ބާއްވާފައިވާއިރު، މިއީ 36 އަހަރަށްފަހު އެ ޕާޓީގެ ކޮންގްރެސްއެއް ބާއްވާ ފުރަތަމަ ފަހަރެވެ. އެ ޕާޓީގެ ކޮންގްރެސް އެންމެ ފަހުން ބާއްވާފައިވަނީ 1980 ވަނަ އަހަރުގައެވެ.

ވެރިރަށް ޕިޔޮންގްޔަންގު ގައި މިމަހުގެ ހަ ވަނަ ދުވަހުން ފެށިގެން ހަތް ދުވަހަށް ދެމިގެންދާ އެ ކޮންގްރެސް އަށްފަހު އުފާ ފާޅުކުރުމުގެ ހަފްލާތަކަށް ވެރިރަށް ސާފުކޮށް ނަލަކުރުމަށް ރައްޔިތުންނަށް ވަނީ ކޮރެއާގެ ކަމާބެހޭ އިދާރާތަކުން އަމުރުކޮށްފައެވެ.

ކޮންގްރެސްގައި ޕާޓީގެ ލީޑާޝިޕާ ހަވާލުވެ، އުތުރު ކޮރެއާ އަކީ ނިއުކުލިއާ ދައުލަތެއްގެ ގޮތުގައި ކިމް ޖޮން އުން އިއުލާންކުރައްވާނެ ކަމަށް ވަނީ ބެލެވިފައެވެ. އަދި ގައުމުގެ އިގްތިސާދާއި އަސްކަރީ ކުރިމަގާމެދު އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތް ހިއްސާކުރައްވާނެ އެވެ. (ދަ އިންޑިޕެންޓެންޑް، ފޮކްސް ނިއުސް)