ފަސޭހަކަމާއެކު ހިދުމަތަށް ރަޖިސްޓްރީ ކުރެވޭ ގޮތަށް އިންޓަނެޓްގެ މުޅިން އާ ޕެކޭޖެއް ދިރާގުން މިއަދު ތައާރަފްކޮށްފި އެވެ. މަހަކު 160 ރުފިޔާ ދެއްކުމުން އެއް ޖީބީގެ ފްރީ ޑޭޓާ ލިބޭ ގޮތަށް ދިރާގުން މިތައާރަފްކުރި ޕެކޭޖަކީ ސްމާޓްފޯނާއި ޓެޕްލެޓްޕީސީ އިން އިންޓަނެޓްގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ތައާރަފްކުރި ޕެކޭޖެއް ކަމަށް މުއާސަލާތީ އެކުންފުނިން މިއަދު ބުންޏެވެ.

ރާއްޖޭގައި މިހާތަނަށް ތައާރަފްކުރި އެންމެ ހަރަދު ކުޑަ އިންޓަނެޓް ޕެކޭޖް ދިރާގުން މިއަދު އިއުލާންކުރީ ނޫސްވެރިންނަށް މައުލޫމާތުދިނުމަށް މިއަދު ނަސަންދުރައިގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ސްމާޓްފޯން ފަހަކަށް އައިސް ބޭނުން ކުރައްވާކަން، އަދި ހަމަ ޓެބްލެޓް ޕީސީ ވެސް އަޅުގަނޑުމެންގެ ތެރޭގައި އަންނަނީ މަގުބޫލުވަމުން، ސްމާޓްފޯނާއި ޓެބްލެޓްޕީސީ ބޭނުންކުރައްވާ ބޭފުޅުން އެބަ ބޭނުންވޭ ހަމަ ކޮމްޕިއުޓަރުގައި އިންޓަނެޓް ބޭނުން ކުރާ ގޮތުތަށް ސްމާޓްފޯނުގަ ވެސް ނޫނީ ޓެބްލެޓް ޕީސީގަ ވެސް އިންޓަނެޓް ބޭނުންކުރައްވަން،" މިއަދުގެ ބައްދަލުވުމުގައި ދިރާގުގެ މެނޭޖަރ މޯބައިލް މާކެޓިން ރިފްއަތު މުހައްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަސްޓަމަރުންގެ ބޭނުންތައް ދެނެގަތުމަށް ފަހު މިތައާރަފްކުރި ޕެކޭޖްގެ ސަބަބުން ސްމާޓްފޯނާއި ޓެބްލެޓް ޕީސީ އިން ވަރަށް ހެޔޮއަގެއްގައި އިންޓަނެޓް ބޭނުންކުރެވޭނެ ކަމަށެވެ.

ރިފްއަތު ވިދާޅުވީ މިއަދު ތައާރަފްކުރި ޕެކޭޖް ލިބިގަތުމަށް ވަރަށް ފަސޭހަވާނެ ކަމަށާއި ހިދުމަތް ހޯދުމަށް ކުރަން ޖެހޭނެ ކަމަކީ ހަމައެކަނި އެސްއެމްއެސް އެއް ފޮނުވައިލުން ކަމަށެވެ.

ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ލިބިގަނެވޭ މިޕެކޭޖްގެ ހިދުމަތް ހޯދަން އެސްއެމްއެސް ކުރަން ޖެހޭނީ އެޑް ޖަހާފައި ސްޕޭސް ދޫކުރުމަށް ފަހު ޖީބީ1 ޖެހުމަށް ފަހު 445 އަށެވެ.

ދިރާގުން ކުރިން މީގެ ކުރިން ތައާރަފްކުރި އެންމެ އަގު ހެޔޮ ޕެކޭޖަކީ މަހަކަށް 149 ރުފިޔާ ދެއްކުމުން 60 އެމްބީ ލިބޭ ޕްރިޕެއިޑް ބްރޯޑްބޭންޑް އިންޓަނެޓް ޕެކޭޖެވެ. ނަމަވެސް އަލަށް ތައާރަފް ކުރި މިޕެކޭޖުން 160 ރުޔފިޔާއަށް އެއް ޖީބީގެ ފްރީޑޭޓާ ލިބޭތީ މިޕެކޭޖް، ކުރީގެ ޕެކޭޖަށް ވުރެ މާބޮޑުތަން ހަރަދު ކުޑަ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން މިފަހަރު ތައާރަފްކުރި އިންޓަނެޓް ޕެކޭޖް ބޭނުންކުރެވޭނީ ދިރާގުގެ ތްރީޖީ ހިދުމަތް ލިބޭ ސަރަހައްދުތަކުގަ އެވެ.