19:00


ޕްރޮވިންސް ހެދުމަށް ޖާގަނެތް ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.


ސަތޭކައަށްވުރެ ގިނަ އިސްލާހް ބިލަށް ހުށަހެޅިފައިވާއިރު އޭގެ ތެރެއިން ގިނަ އިސްލާހްތަކަކާއެކު ބިލު ފާސްކުރީ ބިލް ފާސްކުރުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ޖަލްސާގައި ތިއްބެވި 43 މެންބަރުންގެ ތެރެއިން 42 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ، ޖަލްސާގައި އެވަގުތު އިންނެވި އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ހަމައެކަނި މެންބަރު ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދެވެ. ބިލް ފާސްކުރަން ވޯޓު ނުދެއްވި ނަމަވެސް ބައެއް އިސްލާހަތަކަށް އަހްމަދު ރަޝީދު ވަނީ ވޯޓު ދެއްވައިފަ އެވެ.


ބިލު ފާސްކުރުމާ ގުޅިގެން ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަހްމަދު ތަސްމީން އަލީ ވިދާޅުވީ، މި ބިލު ފާސްކޮށްފައި ވަނީ އެންމެ ޕާޓީއެއް ފިޔަވައި މަޖިލީހުގެ ހިމެނިވަޑައިގަންނަވާ ހުރިހާ ޕާޓީތަކާއި އަމިއްލަ މެންބަރުން ވޯޓު ދެއްވައިގެން ކަމަށެވެ. އަދި ރައްޔިތުން ބާރުވެރި ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މި ބިލު ތަސްދީގު ކުރައްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، ރައީސް މި ބިލު ތަސްދީގު ނުކުރައްވައި އަލުން މަޖިލީހަށް ފޮނުއްވައިފިނަމަ އަލުން ބިލު ފާސްކުރަން ބޭނުންވާ 39 ވޯޓު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެކަން ކާމިޔާބުވާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.


ޖުމްހޫރީ ޕާޓީގެ ރައީސް އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއދު ވިދާޅުވީ، މިއީ ރައްޔިތުންނަށް އައި ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. އަދި މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، އެ މަސައްކަތް ވެގެންދާނީ އެމަނިކުފާނު ޑިމޮކްރަސީއަށްޓަކައި، ކުރެއްވި މަސައްކަތުގެ ގޮތުގައި ކަމަށް ވެސް ގާސިމު ވިދާޅުވި އެވެ.


އަދި ޑީއާރުޕީގެ ޒައީމު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމު ޑިމޮކްރަސީއަށްޓަކައި ކުރެއްވި މަސައްކަތްޕުޅަކީ އެންމެ ބޮޑު މަސައްކަތް ކަމަށާއި އެއީ އެކަކުވެސް ދެބަސްވާނެ ކަމެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި މި ބިލުން ރައްޔިތުންނަށް އުފާވެރިކަން ލިބިގެންދާނީ، އަދުލުވެރިކަމާއި ޒާތީ ތައައްސުބުން އެއްކިބާވެ ތިބެގެން އެބައެއްގެ ވާޖިބުތައް އަދާކޮށްގެން ކަމަށް ވެސް ގާސިމު ވިދާޅުވި އެވެ.


އަމިއްލަ މެންބަރެއް ކަމުގައިވާ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު މިއަދު ވިދާޅުވީ ބިލު ފާސްވެގެން ގޮސްފައި ވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.