މީގެ 21 ވަރަކަށް އަހަރު ކުރިން ރިލީޒު ކުރި ބޮލީވުޑްގެ ފިލްމު، "ދިލްވާލޭ ދުލްހަނިޔާ ލޭ ޖައެނގޭ" (ޑީޑީއެލްޖޭ)ގެ ވާހަކައަކީ މިހާތަނަށް ހިންދީ ފިލްމު އިންޑަސްޓްރީގައި އުފެއްދި އެންމެ ހިތް ގައިމު ލޯބީގެ ވާހަކަ ކަމަށް ސާވޭ އަކުން ދައްކައިފި އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އޮންލައިން ސާވޭ ތަކާއި މާކެޓު ރިސާޗު ކުރިއަށް ގެންދާ "ސޯގޯސާވޭ" އިން ހެދި އެ ސާވޭ އިން ދައްކާ ގޮތުގައި، ބޮލީވުޑްގެ ސުޕަރސްޓާ ޝާހުރުކްހާން އާއި ކާޖޮލް ދެވްގަން ކުޅެފައިވާ ޑީޑީއެލްޖޭގެ ވާހަކައަކީ ބޮލީވުޑްގައި މިހާތަނަށް އެންމެ ގިނަ ބަޔަކަށް ކަމުދިޔަ ވާހަކަ އެވެ.

އެ ސާވޭ ކުރިއަށް ގެންގޮސްފައިވަނީ 4،100 މީހުން ބައިވެރި ކޮށްގެންނެވެ. އިންޑިއާގެ މުމްބާއީ، ދިއްލީ، ޕޫނޭ، ކޮލްކަތާ، ހައިދަރް އާބާދު ފަދަ ހިސާބުތަކުގައި ކުރިއަށް ގެންދިޔަ އެ ސާވޭގައި، 47.33 ޕަސެންޓު މީހުން ވަނީ ޑީޑީއެލްޖޭ އަކީ އެންމެ ކަމުދާ އަދި އެންމެ ހިތް ގައިމު ވާހަކަ ކަމަށް ބުނެފަ އެވެ.

އެ ސާވޭގައި، ޑީޑީއެލްޖޭ ފިޔަވައި ދެން އެންމެ ގިނަ ބަޔަކަށް ކަމުދާ ބޮލީވުޑްގެ ވާހަކައަކަށް ހޮވިފައިވަނީ ޝްރައްދާ ކަޕޫރާއި އަދިތުޔާ ރޯއި ކަޕޫރްގެ ފިލްމު "އާޝިގީ 2" ގެ ވާހަކަ އެވެ. "އާޝިގީ 2"ގެ ވާހަކަ ހިތްގައިމު ކަމަށް 14.66 ޕަސެންޓް މީހުން ބުނެފައި ވެއެވެ.

ތިން ވަނައަށް ދެން އެންމެ ކަމުދާ ވާހަކައެއް ކަމަށް ގިނަ ބަޔަކު ބުނެފައިވަނީ، ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގުގެ ބާޖީރާއޯ މަސްތާނީ އެވެ. އެ ފިލްމަށް ލިބިފައިވަނީ 11.99 ޕަސެންޓެވެ.

މައުލޫމާތު: އިންޑިއަން އެކްސްޕްރެސް