އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ހުރުމަށްފަހު ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

ރޮނާލްޑޯގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާއަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ރެއާލް ކުޅުނު މެޗާއި، ސްޕެނިޝް ލަލީގާގައި ރަޔޯ ވަޔެކާނޯ އަދި ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅުނު މެޗުގައި ބައިވެރިވެވިފައެއް ނުވެ އެވެ.

ރެއާލްއިން އިއްޔެ ބޭއްވި ފަރިތަކުރުންތައް ރޮނާލްޑޯ ފުރިހަމަކުރުމާ ގުޅިގެން އަންނަ ބުދަ ދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގެ ސެމީގެ ދެވަނަ ލެގު މެޗުގައި އޭނާ ބައިވެރިވާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ރޮނާލްޑޯ ވަނީ މިހާތަނަށް 16 ލަނޑު ކާމިޔާބުކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑުޖެހި ރެކޯޑް ހަދާފައިވާ ރޮނާލްޑޯއަށް އެއް ލަނޑު ޖަހައިގެން އޭނާ ހަދާފައިވާ ރެކޯޑާ އެއްވަރުކޮށްލެވޭނެ އެވެ.

އަންނަ ބުދަ ދުވަހު ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ރެއާލް ނުކުންނައިރު، އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްލައިގެން ފުއްދާލެވޭކަށް ނެތެވެ. ސިޓީގެ ދަނޑުގައި ކުޅުނު ސެމީގެ ފުރަތަމަ ލެގު މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.