03 May 2016, 02:03
މޯލްޑިވިއަން އައިޑަލްގެ ޝޯ ފެށުނީއްސުރެ ނިމެންދެން އެ ޝޯގެ އެއް ވަނަ ހޯދި ލައިޝާ ޖުނައިދަށް މުޚާތަބު ކުރަމުން އައީ ޑޮކްޓަރު ލައިޝާގެ ނަމުންނެވެ. ސޯޝަލް މީޑިއާގައި ވެސް އޭނައަށް މުޚާތަބު ކުރަނީ ޑޮކްޓަރު ލައިޝާގެ ނަމުންނެވެ. އެންމެން އެގޮތަށް މުޚާތަބު ކުރަނީ ޑޮކްޓަރަކަށް ވުމުގެ ހުވަފެންތައް އޭނާ ދެކެމުން އަންނާތީއެވެ.
ރާއްޖޭގެ ފުރަތަމަ އައިޑަލް އަށް އުމުރުން 18 އަހަރުގެ ލައިޝާ މިރޭ ހޮވުނުކަން އިއުލާން ކުރުމާ އެކު ޑޮކްޓަރަކަށް ވުމަށް އޭނާ ދެކެމުން އައި ހުވަފެން ހަގީގަތަކަށްވުމުގެ ކޮޅުމަތި ފެނިއްޖެ އެވެ.
މެޑިކަލް ދާއިރާ އިން ބޭނުންވާ އެންމެ މަތީ ހަރުފަތަކަށް ކިޔެވުމުގެ ސްކޮލާޝިޕް ހުރިހާ ޚަރަދަކާއެކު ހެޔޮއެދޭ ފަރާތަކުން މިރޭ ލައިޝާ އަށް ވަނީ ދީފައެވެ.
"ވަރަށް އުފާވެފައި މިހުރީ. މިގޮތަށް ވާހަކަދެއްކޭތީ ސޮރީ. ބުނާނެ އެއްޗެއް ވެސް ނޭންގެ،" އުފަލުން ރޮވިފައިހުރެ ލައިޝާ ބުންޏެވެ.
މިރޭ ލައިޝާއަށް މޯލްޑިވިއަން އައިޑަލްގެ ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމެވެ. މޯލްޑިވިއަން އައިޑޮލް ކާމިޔާބުކުރުމުގެ އިނާމެއްގެ ގޮތުން 250،000 ރުފިޔާ ވަނީ ލައިޝާ އަށް ހަދިޔާކޮށްފަ އެވެ.
އޭގެއިތުރުން ވެސް ގިނަ އިނާމްތަކެއް ލައިޝާއަށް ލިބިފައިވާއިރު، 2.5 މިލިއަން ވަރަކަށް ރުފިޔާގެ އިނާމް އޭނާ އަށް ވަނީ ލިބިފައެވެ.
ލައިޝާ، ޝަލަބީ އަދި އިޝާނަށް ލިބުނު އިނާމްތައް:
- ދިރާގު މައިޓޯންސްގެ ރެވެނިއު 100 ޕަސެންޓް. ދެ އަހަރަށް
- ދިރާގުގެ އެމްބެސެޑާޝިޕް (ދެވަނަ އަދި ތިންވަނަ އަކީ ވެސް ދިރާގުގެ އެމްބެސެޑަރުން)
- އެކްސެލް އިން ދޭ 50،000 ރުފިޔާ، އެކްސެލްގެ އެމްބެސެޑާޝިޕް
- މޯލްޑިވިއަން އިން ދޭ ޗައިނާ ފިޔަވައި އޭޝިއާ ރީޖަންގެ ކޮންމެ ތަނަކަށް ލިބޭ ހިލޭ ދަތުރެއް
- އެމްއޭސީއެލްގެ ބިޒްނަސް ލޮންޖްގެ ހިދުމަތް: އާއިލާއާ އެކު އެއް އަހަރުދުވަހުގެ މުއްދަތަށް
- ސީހައުސް އިންދޭ އެއް އަހަރު ދުވަހުގެ މީލް ޕްލޭން
- އިންޑިއަން ހައިކޮމިޝަނުން ދޭ ވޯކަލް ޓްރެއިނިން
- ވިލާ ކޮލެޖުން ހިންގާ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު (ސެޓްފިކެޓް ތިނެއް، ފައުންޑޭޝަން އަދި ޑިގްރީ ކޯސް)
- ޕޮޕް ޖީއީގެ ފަރާތުން ގިޓާ ސައުންޑް ސިސްޓަމެއް