03 May 2016, 00:37
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބޭއްވި ފްރެންޗައިސް ޝޯވް މޯލްޑިވިއަން އައިޑަލް އަށް 17 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ޕީޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޚަލީލް ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި މޯލްޑިވިއަން އައިޑަލްގެ ގްރޭންޑު ފިނާލޭ ޝޯގައި ވާހަކަދައްކަވަމުން ޚަލީލް ވިދާޅުވީ މޯލްޑިވިއަން އައިޑޮލް އަށް ހޭދަކުރި 17 މިލިއަން ރުފިޔާ އަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކުރި ފައިސާއެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަނަށް ސްޕޮންސަރުންގެ ފަރާތުން ހަތް މިލިއަން ރުފިޔާ މިހާރު ލިބިފައިވާ ކަމަށެވެ.
"މީޑިއާ އިންޑަސްޓްރީގައި ވިޔަފާރީގެ މުއާމަލާތެއް ކާމިޔާބު ކަމާ އެކު ނިންމާލުމުން ދޭހަކޮށްދެނީ ވިޔަފާރިކޮށް ފައިދާ ނެރެ ގާދޫ ކޮލުން ނެރެ ދިވެހި ޓެލެންޓް ބޭރު ކުރެވިދާނެކަން،" ޚަލީލް ވިދާޅުވި އެވެ.
މޯލްޑިވިއަން އައިޑަލް އަކީ ޕީއެސްއެމްގެ ގާނޫނީ ޒިންމާގެ ދަށުން ރައްޔިތުން އުފާކޮށްދީ މުނިފޫހި ފިލުވައިދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިހާރު މޯލްޑިވިއަން އައިޑަލްގެ ޝޯތައް ކުރިއަށްގެންދާ ހޯލް ބޮޑުކުރަން ޕީއެސްއެމްގެ ބޯޑުން ނިންމާފައިވާ ކަމަށާއި ހަތަރުހާސް ވަރަކަށް މީހުންނަށް ތިބެވޭވަރަށް އެތަނުގެ ޖާގަ ބޮޑުކުރާނެ ކަމަށް ޚަލީލް ވިދާޅުވި އެވެ.