03 May 2016, 00:18
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށް ގެންދާމޯލްޑިވިއަން އައިޑަލްޝޯގެ ތެރެއިން ރާއްޖޭގެ ފުރަތަމަ މޯލްޑިވިއަން އައިޑަލް އަށް ލައިޝާ ހޮވިއްޖެ އެވެ.
ފްރެންޗައިޒް އުސޫލުން ރާއްޖޭގައި މިހާތަނަށް ބާއްވާ ލަވަ ކިއުމުގެ އެންމެ ބޮޑު ޝޯވްއިން، ގިނަބަޔަކު ލަފާކުރި ގޮތަށް ލައިޝާ ހޮވިފައި ވަނީ ޖަޖުންގެ 50 ޕަސެންޓު ވޯޓާއި ބެލުންތެރިންގެ 50 ޕަސެންޓު ވޯޓުންނެވެ.
މިރޭގެ ޝޯގައި ޝަލަބީ އިބްރާހިމް އާއި މުހައްމަދު އިޝާން އަދި ލައިޝާ ޖުނައިދަށް ހާއްސަކޮށްފައިވާ އިނާމުގެ އަގު ފަސް މިލިއަން ރުފިޔާ އަށް އަރަ އެވެ. މޯލްޑިވިއަން އައިޑަލް ކާމިޔާބުކުރާ ފަރާތަކަށް 250،000 ރުފިޔާގެ އިތުރުން ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާގެ އިތުރު އިނާމުތައް ދިނެވެ.
މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭ މިރޭ ޕީއެސްއެމްގައި ކުރިއަށްގެންދިޔަ އިރު، އެ ޝޯގެ ހާއްސަ މެހެމާނެއް ގޮތަށް ބޮލީވުޑްގެ މަޝްހޫރު ޕްލޭބެކް ލަވަކިޔުންތެރިޔާ އަބިޖީތު ބަޓްޗަރްޔާ ވަނީ ޝޯގައި ބައިވެރިވެ ލައިވް ޕާފޯމެންސްތައް ހުށަހަޅައިދީފަ އެވެ.
އޭގެ އިތުރުން ޝޯގެ ޖަޖުކުރި ތިން ޖަޖުން، އުނޫޝާ، ކުޑައިއްބެ އަދި އަންމަޑޭ ވެސް ވަނީ މިރޭގެ ޝޯގައި ލައިވް ހުށަހެޅުންތަކެއް ހުށަހަޅައިދީފަ އެވެ. އަދި ޝޯގެ ގަދަ ތިނަކަށް ދަތުރުކުރި ތިން ބައިވެރިން ޝަލަބީ، ލައިޝާ އަދި އިޝާން ވަނީ އެ ތިން ބައިވެރިންގެ އެންމެ "ފޭވައިޓް އާޓިސްޓް" އާ އެކު ލަވަ ހުށަހަޅައިދީފަ އެވެ.
މޯލްޑިވިއަން އައިޑަލް އަށް ލަވަކިޔުންތެރިން ހޮވާފައި ވަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކުރިއަށް ގެންދިޔަ އޮޑިޝަންތަކަކުންނެވެ. ގާތްގަނޑަކަށް 600 އެއްހާ ބައިވެރިން އޮޑިޝަންތަކަށް ގޮސް ލަވަކިޔާފައިވާއިރު ޝޯގެ ދެ ވަނަ ރައުންޑް، ތިއޭޓާ ރައުންޑަށް 45 ލަވަކިޔުންތެރިން ނެގި އެވެ.
މި ޝޯގެ ޓައިޓްލް ސްޕޮންސަރަކީ ދިރާގު އެވެ. މެއިން ސްޕޮންސަރުންނަކީ ލޮޓަސް، ވަޓިކާ، އެލައިޑް އިންޝުއަރެންސް އަދި މޯލްޑިވިއަން އެވެ.