ޓަމިލް އަދި ބޮލީވުޑްގައި މަޝްހޫރުކަން ހޯދާފައިވާ ރަޖްނީކާންތުގެ އެންމެ ފަހުގެ ޓަމިލް ފިލްމު، "ކަބާލީ"ގެ ޓީޒާ ޔޫޓިއުބްގައި ރިލީޒްކުރިތާ 24 ގަޑިއިރުގެ ތެރޭގައި ޓީޒާ ބެލި މީހުންގެ އަދަދު ފަސް މިލިއަނަށް އަރައިފި އެވެ.

މީގެ ދެ ދުވަސް ކުރިން ޔޫޓިއުބުގައި ރިލީޒްކުރި އެ ޓީޒާއަށް 24 ގަޑިއިރުގެ ތެރޭގައި 5.7 މިލިއަން ވިއުސް ލިބިފައިވާއިރު، މިހާތަނަށް އެ ޓީޒާ ބެލި މީހުންގެ އަދަދު ހަތް މިލިއަނާ ވަނީ ގާތްކޮށްފައެވެ.

ޗެންނާއީގެ ޑޮން ކަބަލީސްވަރަންގެ ހަގީގީ-ދިރިއުޅުމުގެ މައްޗަށް ހަދާފައިވާ އެ ފިލްމުގެ 67 ސިކުންތުގެ ޓީޒާއަށް މިހާބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު، މިއީ ދެކުނު އިންޑިއާގެ ފިލްމަކަށް ލިބުނު އެންމެ ބޮޑު ތަރުހީބެވެ.

ޕާ. ރަންޖީތު ޑައިރެޓްކޮށް ލިޔެފައިވާ އެ ފިލްމުގައި މައި ރޯލުން ބޮލީވުޑްގެ އެކްޓަރު ރާދިކާ އަޕްތޭ އާއި ދިނޭޝް ރަވީ އަދި ކިޝޯރު ފަދަ ތަރިން ފެނިގެންދާއިރު، ފިލްމުގެ މިއުޒިކް ހަދާފައިވަނީ ސަންތޯޝް ނަރަޔަނަން އެވެ.

ކަބާލީގެ ޝޫޓިންތައް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ މެލޭޝިއާ އާއި ބެންކޮކު އަދި ހޮންކޮންގުގައެވެ.

ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މިމަހުގެ ތެރޭގައެވެ. ނަމަވެސް ރިލީޒްކުރާނެ ވަކި ތާރީހެއް އަދި ނިންމާފައެއްނުވެ އެވެ.

އުމުރުން 65 އަހަރުގެ ރަޖްނީކާންތު އެންމެ ފުރަތަމަ ފިލްމު ކުޅެން ފަށާފައިވަނީ ބެންގަލޫރުގެ ޓްރާންސްޕޯޓް ސާވިސްގެ ބަސް ކޮންޑަކްޓަރެއްގެ މަގާމް އަދާކުރަމުންނެވެ. އެއަށްފަހު 1973 ވަނަ އަހަރު މެޑްރާސް ފިލްމު އިންސްޓިޓިއުޓް އިން އެކްޓިންގެ ރޮނގުން އޭނާ ޑިޕްލޮމާއެއް ހެދިއެވެ.

ރަޖްނީކާންތު އެންމެ ފުރަތަމަ ކުޅެފައިވާ ފިލްމަކީ 1975 ވަނަ އަހަރު ނުކުތް ޓަމިލް ފިލްމު، "އަޕޫރްވާ ރާގަންގަލް" އެވެ.

ފަންނުވެރިކަމަށް ހިދުމަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް އިންޑިއާ ސަރުކާރުންދޭ ޕަދްމާ ބުޝާން، 2000 ވަނަ އަހަރު އަދި ޕަދްމާ ވިބުޝާން މިއަހަރު ހޯދާފައިވާ ރަޖްނީކާންތުގެ "ކަބާލީ" އަކީ އޭނާ ކުޅެފައިވާ 161 ވަނަ ފިލްމެވެ.