09 May 2011, 12:06
"ޖީ-ސްޕޮޓް" ގެ ނަމުގައި ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމަށް އިކޮނޮމިކް މިނިސްޓްރީގެ މައްޗަށް އަންގާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ޖީ-ސްޕޮޓްގެ ނަމުގައި މާލޭގައި ހިންގި ފިހާރައެއްގެ ކުލި ނުދައްކައިގެން ހުއްދަ ބާތިލްކޮށްފައި އަލުން އެ ނަމުގައި ފިހާރަ ހިންގުމުގެ ހުއްދަ ނުދީގެން ކޯޓަށް ގޮސްފައި ވަނީ ހ. ފްލޭޝް، މުހައްމަދު ނިޒާމް އަހުމަދެވެ.
ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު އިއްޔެ އެ މައްސަލައިގައި ނިޔާ ކަނޑައަޅުއްވަމުން ވިދާޅުވެފައި ވަނީ ވިޔަފާރީގެ ނަމުގެ ގޮތުގައި ފާސް ކުރާ ނަމަކީ ދީނީ ގޮތުންނާއި އަދަބީ ގޮތުން ކިޔަން އެކަށޭނެ ނަމަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ޖީ-ސްޕޮޓްގެ މާނައަކީ "އަންހެނާގެ ޖިންސީ ގުނަވަނުގައި ޖިންސީ އެދުންވެރިކަމުގެ ފުރިހަމަ އިހްސާސް ލިބިގަނެވޭނެ ކަމަށް ބުނާ ވަކި ބަޔަކަށް ކިޔާ ނަމެއް" ކަމަށެވެ.
ގާޒީ ވިދާޅުވީ ދައުވާ ކުރާ ފަރާތުން ޖީ-ސްޕޮޓް މާނަ ކުރަނީ ޝަރީއަތުން އެ ބަސް މާނަ ކުރާ ގޮތަށް ނޫން ކަމުގައިވީ ނަމަވެސް ކޮންމެ ބަހަކުން ކޮންމެ މީހަކަށް ވަކިވަކިން ދޭހަވާ މާނައެއް ބޭނުންކޮށް އެގޮތުގެ މަތިން ކަން ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކޮންމެ ބަހަކަށް ވެސް ބޭނުން ކުރެވޭ އާންމު މާނައެއް އޮންނާނެ ކަމަށާއި ޖީ-ސްޕޮޓް އެ ބަސް ފެނުމުން ނުވަތަ އިވުމުން އެ ނޫން ގޮތަކަށް ދޭހަވާން ނެތް ހިނދެއްގައި މުޖްތަމައުގައި ހުރި ސަލާމަތް ބުއްދި ހުރި ފަރުދުންނަށް އެ ބަސް މާނަ ކުރެވޭނީ ކޯޓުން އެ ބަސް މާނަ ކުރި ގޮތަށް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
"ޖީ-ސްޕޮޓް މިބަސް ފެނުމުން ނުވަތަ އިވުމުން އެ ނޫން ގޮތަކަށް ދޭހަވާން ނެތް ހިނދެއްގައި މުޖްތަމައުގައި އުޅޭ ސަލާމަތް ބުއްދި ހުރި ފަރުދުންނަށް މި ބަސް މާނަ ކުރެވޭނީ އިސްވެ ދެންނެވުނު ފަދައިންކަން ޝަރީއަތަކަށް ގަބޫލު ކުރެވޭ،" ގާޒީ ނިހާޔަތު ވިދާޅުވެފައިވެ އެވެ.
ގާޒީ ވިދާޅުވީ ޖީ-ސްޕޮޓް އެ ނަމަކީ ވިޔަފާރީގެ ނަމުގެ ގޮތުގައި ބޭނުން ކުރުމުގެ ޝަރުތު ފުރިހަމަވެގެންވާ ނަމެއް ނޫން ކަމަށެވެ. އަދި އެ ނަމުގައި ވިޔަފާރި ކުރުމަށް މީގެ ކުރިން ހުއްދަ ދީފައި ވަނީ އޮޅުމަކުން ކަމަށް ސަރުކާރުން ބުނާ ކަމަށާއި ކަމެއް އޭގެ އަސްލުން ހުއްދަވެގެންނުވާ ނަމަ ނުވަތަ ބާތިލް ކަމަށްވާ ނަމަ އޭގެ ސަބަބުން މަދަނީ ހައްގެއް އުފެދޭނެ ކަމަށް ނުފެންނަ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
"ދައުވާ ކުރާ ފަރާތުގެ ވިޔަފާރިއަށް ކިޔަން ބޭނުންވާ ނަމަކީ އެ ނަމުގައި ވިޔަފާރި ކުރަން ހުއްދަ ނުދެވޭނެ އަދި ފާސްކޮށް ނުދެވޭނެ ނަމަކަށްވީ ހިނދު އެ ނަން ކަމާބެހޭ ފަރާތުގެ އިހުމާލުން ނަމަވެސް ފާސްވިޔަތީ އަދި އެ ނަމުގައި ވިޔަފާރި ކުރަން ހުއްދަ ދެވުނު ކަމަކީ އެހެން ފަރާތްތަކަށް ހުއްދަ އާ ކޮށްދޭ ފަދައިން ދައުވާ ކުރާ ފަރާތަށް ހުއްދާ އާ ކޮށްދީފައިނުވުމުން ގާނޫނު އަސާސީގައި ބުނާ ހަމަހަމަކަމާއި ތަފާތު ނުކުރުމުގެ ހައްގާއި ހިލާފްވުން ކަމުގައި ނުބެލެވޭ،" ގާޒީ ވިދާޅުވި އެވެ.