02 May 2016, 19:58
ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމައަށް ކޮށްދިނުމަށް ހުރިހާ ކުލަތަކަކުން އެއްގަލަން އަރަންޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
މިއަދު ދ. ކުޑަހުވަދޫގެ ބަނދަރާއި ތާރުއެޅި މަގުތަށް ހުޅުއްވައިދެއްވައި އަދި ދ. ވާނީ ރައްޔިތުން ކުޑަހުވަދުއަށް ބަދަލުކޮށް ނިމުން ފާހަގަކުރުމަށްފަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ތަރައްގީއަކީ ހަމަޖެހިގެން ލިބޭނެ ކަމެއް ކަމަށެވެ. ބޭނުންވަނީ ހަމަޖެހިގެން ކުރިއަށް ދާން ކަމަށް ރައީސް ވިދާޅުވި އެވެ.
"އިދިކޮޅު ޚިޔާލުތަކާއި އިދިކޮޅު ވިސްނުމަށް ޖާގަދެވޭނެ އަޅުގަނޑުމެންނަށް އެވާހަކަތައް އަޑުއަހާލަން ކެރޭނެ. އެކަމަކު ކުރިއަށްދަމާ ހިނގާށޭ. ގައުމަށް ބޭނުންވާ ކަންތައްތައް ކުރުމުގައި ރައްޔިތުންނަށް އެހީތެރިވާށޭ. ރައްޔިތުންގެ ކަންކަމަކީ އަސުރުމާ ކުލަ ކަމަށްވިޔަސް ރީނދޫ ކުލަ ކަމަށްވިޔަސް އަދި އޮރެންޖު ކުލަ ކަމަށްވިޔަސް. ރައްޔިތުންނަށް ބޭނުންވާ ކަންތައްތައްކުރުމުގައި ހުރިހާ ކުލަކަށް އެއްގަލަށް އެރެންވާނެ" ރައީސް ޔާމީން ވިދާޅުވި އެވެ.

ކުޑަހުވަދޫގައި ބާއްވާ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގެންނަވަނީ -- ފޮޓޯ -- ހައުސިންގް މިނިސްޓްރީ
ރައީސް ޔާމީން ވިދާޅުވީ ފުރަތަމަ ގާނޫނުތަކަށް ބޯލަބަންޖެހޭ މީހަކީ ވެރިއަކަށް ހުންނަމީހާ ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން މަގާމު ދޫކޮށް އިދިކޮޅަށް ދެވުނީމަ "ތިމަންނަ ހުރީ ކޮން މަގާމެއްގައިތޯ ހަނދާނެއް ނުހުރޭ" ކަމަށެވެ. އަދި އެފަރާތްތަކުން ރާއްޖޭގައި ނުހިނގާ ކަންކަމުގެ ވާހަކަ ދޮގު ހަދައިގެން ދައްކައި ރާއްޖެއަށް ނިކަމެތިކަން ގެންނަން މަސައްކަތް ކުރުމުން އެއީ ދިވެހި ދަރިންނަށްވާނެތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފަ އެވެ.
ރާއްޖެއަށް މިހާރު ދިމާވާ "ހުރިހާ ބޮޑެތި މުސީބާތެއް ދިމާވަނީ" އެފަރާތްތަކުން ރާއްޖެއާ ބެހޭގޮތުން ބުހުތާން ދޮގު ހަދާތީ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން އެކަންކަމާ ދިވެހިން ވިސްނުމަށް ރައީސް ޔާމީން ވަނީ ގޮވާލާފަ އެވެ.
ދިވެހި ރާއްޖެއިން ޖިހާދުތަކަށް މީހުން އެބަ ތަމްރީނުކުރެއޭ. ސަރުކާރުންނޭ އެމީހުން ފޮނުވަނީ. މިއީ ޒިންމާދާރު މަގާމުތަކުގައި ތިބޭމީހުން ދައްކާވާހަކަ. އެކަހަލަ ވާހަކަދައްކަނީ. އެކަމު މި ހަމަ ދިވެހިންނޭ. އަދި ދެންއައިސްވެސް ހިދުމަތް ކުރަން އުޅެނީ ދިވެހިންނަށް. އެހެންވީމަ ހިދުމަތްކުރަން ނޫނީ ހިންގަން އޮތީ ކޮން ސަރުކާރެއްބާރައީސް ޔާމީން
ރާއްޖޭގެ ޝަރުއީ ނިޒާމުގެ ކަންކަމަށް އަލި އަޅުވާލައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އާންމު ރައްޔިތުން ޝަރީއަތުގެ ތިން މަރުހަލާ ނިންމައި ހުރިހައިކަމެއް ފުރިހަމަ ކުރާއިރު "އެކަކު ދެމީހަކު" އެނިޒާމުގެ ތެރެއަށް ނުފެތެނީ ކީއްތޯ ސުވާލު އުފެދޭ ކަމަށެވެ. ޝަރުއީ ނިޒާމަކީ "ފައްކާ ނިޒާމެކޭ ނޫން" ކަމަށާއި ނަމަވެސް ޒަމާނީ ބަދަލުތަކާއެކު ދޮންވެ ފައްކާވަމުން އަންނަ ނިޒާމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ވަކިބަޔަކަށް ގާނޫނޫއަސާސީ ގޯސްވެގެން އުޅެނީ މިހާރު ކަމަށާއި މީގެކުރިން ކޯޓުތަކާއި ކޯޓުތަކުން ބޭރުގައި މީހުންގެ މައްޗަށް ގާނޫނޫއަސާސީއާ ޚިލާފު އަމުރު ނެރުނުއިރު ޝަރުއީ ނިޒާމް އެބައި މީހުންނަށް ހެޔޮވަރު ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް މިހާރު ކަންކަން ހިންގަނީ ކޯޓުގެ ނިޒާމުގެ ތެރެއިން ކަމަށާއި އެހެންވެ އެކަންކަމަށް ބޭރުގެ ފަރާތްތަކުން ބަސްކީމަ އެބަހަށް ބޯލަނބަންޖެހެންޏާ މިއީ މިނިވަން ދައުލަތެއްތޯ ވިސްނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ނިޒާމުގައި ހުރި ކޮރުކަމެއް ރަނގަޅުކުރަން މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް. އެކަމަކު އެއީކީ މުޅި ނިޒާމް އޮޔާލާދާނެ ޖެހޭކަމެއް ނޫން. އެނިޒާމު ރަނގަޅުކުރަން ޖެހޭ ކަންތައް ހުންނާނެ. ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އެގައުމެއްގައި ހުންނަ ނިޒާމުތައް ރަނގަޅުކުރޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުއްﷲ އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަހްމަދު އާމިރު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.