ގަތަރުގެ ޓެލެކޮމިއުނިކޭޝަންސް ކުންފުނި އުރީދޫ އަށް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު، 7.9 ބިލިޔަން ގަތަރީ ރިޔާލު (2.2 ބިލިޔަން އެމެރިކާ ޑޮލަރު)ގެ އާމްދަނީއެއް ލިބިއްޖެ އެވެ.

އުރީދޫ ގްރޫޕުން މިދިޔަ ހަފްތާގައި އާންމުކުރި އެ ގްރޫޕުގެ މި އަހަރުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓު ދައްކާ ގޮތުގައި، މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާ ބަލާއިރު 75 ޕަސަންޓުގެ ކުރިއެރުމެކެވެ.

އުރީދޫ ގްރޫޕާ ހަވާލައިދީ، ބޭރުގެ މީޑިއާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، އުރީދޫ އަށް މި އާމްދަނީ ލިބުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތް އެއް ސަބަބަކީ ރާއްޖޭގައި އުރީދޫ އިން ހިންގާ އުރީދޫ މޯލްޑިވްސްގެ އާމްދަނީ ރަނގަޅު ވުމުންނެވެ. އުރީދޫ މޯލްޑިވްސްގެ އިތުރުން، އޮމާން، އިންޑނޭޝިޔާ، މިޔަންމާ އަދި ކުވައިތުން ވެސް ވަނީ މި އަހަރު އުރީދޫ އަށް ރަނގަޅު އާމްދަނީއެއް ގެނެސްދީފަ އެވެ.

އުރީދޫ އިން ބުނާ ގޮތުގައި އުރީދޫ މޯލްޑިވްސް އަށް 235 މިލިޔަން ރުފިޔާ (4.7 މިލިޔަން ކުވައިތީ ދީނާރު) މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާ ބަލާއިރު ގާތްގަނޑަކަށް 70 ޕަސަންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އުރީދޫ މޯލްޑިވްސް އިން ވަނީ 135 މިލިޔަން ރުފިޔާގެ (2.7 ކުވައިތީ ދީނާރު)ގެ އާމްދަނީއެއް ހޯދައިފަ އެވެ.

ރާއްޖޭގައި އުރީދޫގެ 0.4 މިލިޔަން، ނުވަތަ ހަތަރު ލައްކަ ކަސްޓަމަރުން އުޅޭ ކަމަށް އުރީދޫ ގްރޫޕުން ބުނެ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާ ބަލާ އިރު މިއީ 14.8 ޕަސަންޓުގެ އިތުރު ވުމެކެވެ.

ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސްގެ ނަމުގައި 2005 ވަނަ އަހަރު ރާއްޖޭގައި އޮޕަރޭޓް ކުރަންފެށި ކުންފުނި، އުރީދޫ މޯލްޑިވްސްގެ ނަމަށް ރީބްރޭންޑް ކުރީ 2013 ވަނަ އަހަރު އެވެ.