02 May 2016, 18:54
ރާއްޖޭގައި ޑިމޮކްރެސީ ނެތްކަމަށް ބުނެ ވާހަކަދައްކާ ބޭރުގެ ގައުމުތަކުން ރާއްޖެއަށް އެހީވަނީ ކިހާ މިންވަރަކަށްތޯ ވިސްނާލަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިއަދު ދ. ކުޑަހުވަދޫގައި ބިންހިއްކައި ބޮޑުކޮށްފައިވާ ބަނދަރާއި ތާރުއަޅައިގެން އެރަށުގައި ހަދާފައިވާ ހަ މަގު ހުޅުއްވައިދެއްވައި، ވާނީ ރައްޔިތުން ކުޑަހުވަދުއަށް ބަދަލުވެ ނިމުން ފާހަގަކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހި ގައުމަށް އެހީވާ ގައުމުތަކުން ރާއްޖެއާމެދު ކަންބޮޑުވުން ފާޅުކޮށްފައި ނުވާކަމަށާއި މިހާތަނަށް އެފަދަ ވާހަކައެއްވެސް ދައްކާފައި ނުވާކަމަށެވެ.
ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ދައުލަތްތަކުގެ ތެރޭގައި އަރަބި އިސްލާމީ ގައުމުތަކުގެ ވާހަކަ ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ. ރައީސް ވިދާޅުވީ އަރަބި އިސްލާމީ ގައުމުތަކުން ރާއްޖޭގައި ޑިމޮކްރެސީ ނެތިގެން އެވާހަކަ ދައްކާފައިނުވާ ކަމަށެވެ. އެއީވެސް ދިމިކްރާތީ އުސޫލުތައް ގަބޫލުކުރާ ވެރިންތަކެއް ތިބި ގައުމުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ތިބޭފުޅުންގެ ހިޔާލުގައި ބަހައްޓަވާ. ކޮންދިމަދިމާލަކުންހޭ ރާއްޖެއަށް އެހީވަނީ. އެގައުމުތަކަކުންނެއް އަޅުގަނޑުމެންގެ އިސްތިގުލާލަށް ބުރުއަރާ އެއްވެސް ވާހަކައެއް އަޅުގަނޑުމެންނަކާ ނުދައްކާ. އަރަބި ދައުލަތްތަކަކުން އަޅުގަނޑުމެންގެ އިސްތިގުލާލަށް މިނިވަންކަމަށް ގެއްލުންވާނެ ކުޑަވެސް ވާހަކައެއް ނުދައްކާ. އަދި ރާއްޖޭގައި ޑިމޮކްރެސީ ނެތިގެންވެސް އެގައުމުތަކުން ކަންބޮޑުވެގެން ވާހަކައެއް ނުދައްކާ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގެންނަވަނީ -- ފޮޓޯ -- ހައުސިންގް މިނިސްޓްރީ
ހަމަ އެކަނި ޑިމޮކްރެސީގެ ވާހަކަ ދެއްކުމަކީ ދިވެހިންގެ ބޭނުންތައް ފުދިގެންދާނެ ކަމެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދައުލަތެއް އިންތިޚާބު ކުރަނީ ވެރިންނަށް ތިބޭ ބަޔަކު ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކެއް ފުއްދައިދޭން ކަމަށާއި އެއީ ސަރުކާރު ހިންގަން ހުންނަ މީހެއްގެ އެންމެ އިސް ޒިންމާ ކަމަށެވެ. ގައުމުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރު ހިންގަންތިބޭ ބަޔަކު ކުރަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"ހަމައެކަނި ކޮންމެސް ހިސާބެއްގައި މޫދުގައި ވީޑިއޯއެއް ކުޅެލައިގެން ފައިސާ ލިބޭގޮތެއް ނުވޭ،" ރައީސް ވިދާޅުވި އެވެ.
"އިންޑިއާކަނޑުގައި މިޖެހޭ އޮޔާއިވައިގެ ތެރޭގައި މާކަނޑަކަށް ދޫކޮށްލާފައި އޮންނަ ބޮނބިކޮޅެއްގެ ސިފައިގައި ހިމެނޭ ކުޑަކުޑަ ނިކަމެތި ދައުލަތެއް ދިވެހި ދައުލަތަކީ. ދެން މި ދައުލަތުން އުފެއްދި ބަޔަކު ނުވަތަ އޭގެތެރެއިން މަދު ބަޔަކު ނަމަވެސް. އެމީހުން އެވިސްނާ ގޮތަކަށް ދިވެހި ދައުލަތުގެ ކަންތައްތައް އެމީހުންނަށް ނުކުރެވުނީމަ މުޅި ހުރިހާ ރައްޔިތުންގެ ހައްގުތައް ނަގާލަން މިކުރާ މަސައްކަތަކީ ދައުލަތަށް ކިހާ މުހިންމު ކަމެއްތޯ ސަލާމަތް ބުއްދިހުރި ކޮންމެ މީހަކު ވިސްނާލަން ޖެހޭ.،"

ކުޑަހުވަދޫގައި ބޭއްވި ޖަލްސާގެ ތެރެއިން - ފޮޓޯ -- ހައުސިންގް މިނިސްޓްރީ
ރައްޔިތުންގެ ގިނަބަޔަކު އިދިކޮޅު ޕާޓީއަށް ތާއީދުކުރާނަމަ އެމީހުންނަށް މަޖިލީހުން ދޭނީ އެންމެ 25 ގޮނޑި ނޫންކަމަށާއި އެއައްވުރެ ގިނަ ގޮނޑި ލިބޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ވެރިކަމަށް އައުމަށް ރައީސް ވެފައި ހުރި ވައުދުތައް މަޖިލީހުގައި ތިބޭ މައިނޯރިޓީ ބަޔަކަށް ބަދަލު ނުކުރެވޭނެ ކަމަށާއި އެކަން ކުރިއަށް ދާނީ މެނިފެސްޓޯގައި ވާގޮތަށް އޭގައިވާ ތަރުތީބުން ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ދ. އަތޮޅަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި މިއަދު ކުޑަހުވަދޫއަށް ވަޑައިގެންފައިވާއިރު މާދަމާ އެމަނިކުފާނު އެ އަތޮޅު މީދޫއަށް ވަޑައިގެން އެ ރަށު ބިން ހިއްކުމާއި މާއެނބޫދޫ އާއި ބަނޑިދޫ ބަނދަރު ހުޅުއްވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ރައީސްގެ ދަތުރުފުޅުގައި އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުއްﷲ އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަހްމަދު އާމިރު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.