އެމްޓީސީސީއިން ވިއްކާ ޔަންމާ ބްރޭންޑުގެ އިންޖީނަށް ޚާއްސަކޮށްގެން އެކުންފުނިން ފަށާފައިވާ "ސާބަސް ޔަންމާ" ޕްރޮމޯޝަނާ ބެހޭ މައުލޫމާތު ފެތުރުމުގެ ގޮތުން، އެމްޓީސީސީއިން ޚާއްސަ ހަރަކާތްތަކެއް ފަށައިފި އެވެ.

އެމްޓީސީސީ "ސާބަސް ޔަންމާ" ޕްރޮމޯޝަނަކީ މެއި މަހުގެ އެއްވަނަ ދުވަހުން 31 ވަނަ ދުވަހަށް ކުރިޔަށް ދާ ޕްރޮމޯޝަނެކެވެ. މި މުއްދަތުގެ ތެރޭގައި ޔަންމާ އިންޖީނެއް ގަތުމުން، ނުވަތަ ގަތުމަށް 10 އިންސައްތައިގެ ޑިޕޮސިޓެއް ދައްކާ ފަރާތްތަކަށް 100،000 އާއި 200،000 އާއި ދެމެދުގެ އަގުހުރި ސާމާނު ލިބެ އެވެ. އޭގެ ތެރޭގައި ޖީޕީއެސްއާއި ފިޝްފައިންޑާ، ހުންގާނު ސިސްޓަމް އަދި ކާސްޓްރޯލް އަޑީތެޔޮ ފަދަ ތަކެތި ހިމެނެ އެވެ.

އެމްޓީސީސީގެ މާކެޓިންގ މެނޭޖާ ޒޫޝާން އިބްރާހިމް -- ސަން ފޮޓޯ/ފަޔާޒް މޫސާ

މިއަދު އެމްޓީސީސީއިން ވަނީ، "ސާބަސް ޔަންމާ" ޕްރޮމޯޝަނުގެ ޕްރޮމޯޝަނަލް އިވެންޓެއް މީރުބަހުރު ބަނދަރުގައި ފަށައިފަ އެވެ. އެމްޓީސީސީގެ މާކެޓިންގ މެނޭޖާ ޒޫޝާން އިބްރާހިމް ވިދާޅުވީ، މިއީ ފުރަތަމަ ޕްރޮމޯޝަނަލް އިވެންޓު ކަމަށާއި، މި ޕްރޮމޯޝަންގެ މައުލޫމާތު ދިނުމަށް އެމްޓީސީސީގެ މާކެޓިންގ ޓީމުތައް އަތޮޅު ތެރޭގެ ބައެއް ރަށްރަށަށް ވެސް ޒިޔާރަތް ކުރަމުން ދާނެ ކަމަށެވެ.

"ހަތަރު އަތޮޅަކަށް ބަހާލައިގެން މި ޕްރޮމޯޝަން ކުރިޔަށް ގެންދަން އަދި ރޭވިފައި ވަނީ. ދެން އަޅުގަނޑުމެންގެ ޓީމުތައް އަންނަ ހަފްތާއިން ފެށިގެން އެކި އަތޮޅުތަކަށް ދާން ފަށާނެ،" ޒޫޝާން ވިދާޅުވި އެވެ.

އެމްޓީސީސީގެ "ސާބަސް ޔަންމާ" ގެ ޕްރޮމޯޝަނަލް އިވެންޓް މީރުބަހުރު ބަނދަރުގައި ކުރިޔަށް ދަނީ -- ސަން ފޮޓޯ/ފަޔާޒު މޫސާ

ޔަންމާ އިންޖީނު ގަނެގެން ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު، 10 ޕަސަންޓުގެ ޑިޕޮސިޓު ދައްކައިގެން މި ޕްރޮމޯޝަނުގައި ބައިވެރިވެ، މި އަހަރު ނިމުމުގެ ކުރިން އިންޖީނުގެ ފުރިހަމަ އަގު ދައްކައި ޚަލާސް ކުރުމުގެ ފުރުސަތު ވެސް އޮންނަނެ ކަމަށް އެމްޓީސީސީއިން ބުނެ އެވެ.