މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނޭނގިހިދުމަތް ހުއްޓާލާފައިވާ ރިސޯޓު، ހޮޓާތަކާއި ގެސްޓް ހައުސް އަދި ޕިކްނިކް އައިލެންޑްތަކާއި ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން ވެސް ޓެކްސް ދައްކަން އެ އޮތޯރިޓީން އަންގައިފި އެވެ.

ޓެކްސްއާ ގުޅޭކަންކަން ބަލައި މޮނީޓާ ކުރާ މުއައްސަސާ، މީރާއަށް ނޭނގި ޓޫރިސްޓް ހިދުމަތްދޭ ބައެއް ތަންތަން ވަގުތީ ގޮތުންނާއި އަދި އެއްކޮށްވެސް ހިދުމަތް ބަންދު ކުރަމުންދާތީ އެ އޮތޯރީޓީ އިން މިމަހުގެ ފަސް ވަނަ ދުވަހު ވަނީ ސާކިއުލާއެއް ނެރެފަ އެވެ. އެ ސާކިއުލާގައި ބުނަނީ، ޓޫރިސްޓުންނަށް ހިދުމަތްދޭން ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ތަނެއް ބަންދު ކުރެވޭނީ މީރާއަށް އެކަން ލިޔުމަކުން އަންގާފައި ކަމަށެވެ. އެނޫން ގޮތަކަށް އަމަލުކޮށްފި ނަމަ ބަންދުކޮށްފައި ހުންނަ މުއްދަތައް ވެސް ކަނޑައެޅިފައިވާ އުސޫލުން ޓެކްސް ދައްކަން ޖެހޭނެ ކަމަށް މީރާއިން ބުނެފައިވެ އެވެ.

"...އަދި ޖޫރިމަނާފައިސާ ވެސް އެ އޮންނަ އުސޫލެއްގެ މަތިން ދައްކަވަން ޖެހޭނެ އެވެ." މީރާއަށް ނޭންގި ޓޫރިސްޓް ހިދުމަތްދޭ ތަންތަން ބަންދުކުރަމުން އަންނާތީ އާންމުކުރި ސާކިއުލާގައިވެ އެވެ.

ޓެކްސްގެ ގޮތުގައި ސަރުކާރުން ނަގައި ހުރިހާ ފައިސާއެއް މިދިޔަ މަހުން ފެށިގެން ބަލައިގަންނަމުން އަންނަނީ މީރާއިން ނެވެ. މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ސަރުކާރުގެ އާމްދަނީގެ ގޮތުގައި މީރާއަށް ލިބިފައިވެ އެވެ.