02 May 2016, 19:02
ސުލްހަވެރި އެއްވުންތަކަށް ފުރުސަތު ދީ އެކަންކަން މަގުފަހިކުރުމަށް ކުރެވޭނެ ހުރިހާ ކަމެއް ކުރުމަށް މަދަނީ ޖަމްއިއްޔާތަކުން ގޮވާލައިފި އެވެ.
ސުލްހަވެރި އެއްވުންތަކަށް ފުރުސަތު ދިނުމަށް ފުލުހުންނަށާއި، ހިއުމަން ރައިޓްސް ކޮމިޝަން އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ގޮވާލައި މަދަނީ ޖަމިއްޔާތަކުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުޅި ދުނިޔޭގައި މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރަމުން ދިޔައިރު ދިވެހި މަސައްކަތްތެރިން ޝުއޫރު ފާޅު ކުރުމުން މަހުރޫމްކޮށްފައިވާ ކަމަށެވެ.
މަދަނީ ޖަމްއިއްޔާތަކުން ބުނީ އިއްޔެގެ ހިނގާލުން ކުރިން ރޭވުނު ގޮތަށް މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިއުމަށް ސަލާމަތީ ބާރުތަކުން ހުރަސް އަޅާފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލައި އިއްޔެ މާލޭގައި ބޭއްވި ހިނގާލުމުގެ ތެރެއިން: ހިނގާލުން ބޭއްވުމަކީ ރައްޔިތުންނަށް އުނދަގޫވާނެ ކަމެއް ކަމަށް ބުނެ ފުލުހުން ވަނީ ހިނގާލުމަށް ހުރަސްއަޅާފައި ----- ސަން ފޮޓޯ: ފަޔާޒު މޫސާ
ޚިޔާލުފާޅުކުރުމާއި ކުރިން އެންގުމަކާނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމަކީ ގާނޫނު އަސާސީ އިން ކޮންމެ ރައްޔިތަކަށްވެސް ލިބިދޭ ހައްގެއްކަމުން އެފަދަ ހައްގުތައް ހަނިކުރުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފު އަދި ގާނޫނު އަސާސީގެ ރޫހާ ވެސް ޚިލާފު ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
"އެހެންކަމުން މިފަދަ ޣައިރުޤާނޫނީ ކަންކަން މުސްތަގުބަލުގައި ތަކުރާރުވިޔަނުދީ ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ދިވެހި ފުލުހުންނަށާއި މިނިވަން މުއައްސަސާތަކަށާއި ދައުލަތުގެ ހުރިހާ ފަރާތްތަކަށް ގޮވާލަމެވެ." މަދަނީ ޖަމިއްޔާތަކުން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.
މަދަނީ ޖަމިއްޔާތަކުން ބުނީ އިއްޔެގެ ހިނގާލުމުގައި ފުލުހުންގެ ފަރާތުން ނޭދެވޭ އެތައް ކަމެއް ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި ހިނގާލުމުގެ ބައިވެރިން ދުރަށް ޖެއްސުމަށް ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރި ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލައި އިއްޔެ މާލޭގައި ބޭއްވި ހިނގާލުމުގެ ތެރެއިން: ހިނގާލުން ބޭއްވުމަކީ ރައްޔިތުންނަށް އުނދަގޫވާނެ ކަމެއް ކަމަށް ބުނެ ފުލުހުން ވަނީ ހިނގާލުމަށް ހުރަސްއަޅާފައި ----- ސަން ފޮޓޯ: ފަޔާޒު މޫސާ
ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހަދަން ޖެހޭ ކަމަށްވެސް މަދަނީ ޖަމިއްޔާތަކުން ބުންޏެވެ.
"މޭޑޭ 2016 ގައި ފުލުހުން ހިންގި އަމަލުތައް ތަހުގީގުކޮށް މިފަދަ ޣައިރު ގާނޫނީ ކަންކަމުން ފުލުހުންގެ މުއައްސަސާ އެއްކިބާވުމަކީ ރައްޔިތުންގެ އިތުބާރު ހޯދުމަށް ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު ކަމެއް ކަމުގައި ވީހިނދު އެކަން އިސްލާހު ކުރުމަށް ކޮމިޝަނަރ އޮފް ޕޮލިހަށް ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.
މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ގޮވާލައި ކުރިއަށް ގެންދަން އުޅުނު ހިނގާލުމުގެ ބައިވެރިން ވަނީ 2008 ވަނަ އަހަރު ފާސްކުރި ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ މިނިމަމް ވޭޖެއް ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ކަނޑައަޅައި ދިނުމަށް ގޮވާލާފަ އެވެ.
މުވައްޒަފުންނަށް ވަޒީފާގެ މާހައުލުގައި ދިމާވާ ތަފާތު އެކި ގޮންޖެހުންތައް ނައްތާލުމަށް ހިނގާލުމުގެ ބައިވެރިން ވަނީ ގޮވާލައިފަ އެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ކަމު ނުދާ މުވައްޒަފުންނަށް ބިރު ދައްކާ ކަމަށް ބުނެ އެކަން ހުއްޓާލުމަށް ވެސް ހިނގާލުމުގެ ބައިވެރިން ގޮވާލާފައިވެ އެވެ.

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލައި އިއްޔެ މާލޭގައި ބޭއްވި ހިނގާލުމުގެ ތެރެއިން: ހިނގާލުން ބޭއްވުމަކީ ރައްޔިތުންނަށް އުނދަގޫވާނެ ކަމެއް ކަމަށް ބުނެ ފުލުހުން ވަނީ ހިނގާލުމަށް ހުރަސްއަޅާފައި ----- ސަން ފޮޓޯ: ފަޔާޒު މޫސާ
އިއްޔެގެ ހިނގާލުމަށް ފުރުސަތު ނުދޭން ފުލުހުން ނިންމީ ހިނގާލުމެއް ބޭއްވުމުން މާލޭގެ މަގުތަކުގައި ހިނގައި ބިނގައިވާ މީހުންނަށާއި ދުއްވާ ތަކެތި ދުއްވުން ހުއްޓި އޭގެ ސަބަބުން އެތައް ބަޔަކަށް ދަތިތައް ފޯރަމުންދާނެތީ ކަމަށް ބުނެ އެވެ.
އިއްޔެގެ ހިނގާލުމުގައި ފުލުހުންނާ ހިނގާލުމުގެ ބައިވެރިންނާ މާބޮޑު ކުރިމަތިލުންތަކެއް ހިނގާފައެއް ނުވެ އެވެ.
އެޗްއާރްސީއެމް އިން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ހިޔާފާޅުކުރުމާއި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމަކީ ހަމަ ކޮންމެ މީހަކަށްމެ ގާނޫނު އަސާސީގެ 27 އަދި 32 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ ހައްގަކަށްވާ އިރު އެ ހައްގުތައް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ.